ވޮޝިންޓަން (31 ޑިސެމްބަރު) - ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގާނަމަ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ދެ ގައުމުގެ ލީޑަރުންގެ މެދުގައި ގަޑިއިރަކަށްވުރެ ގިނައިރު ވަންދެން ކުރިއަށް ދިޔަ ވާހަކަތަކުގައި ބައިޑަންގެ އެ ވާހަަކަފުޅަށް ރައްދު ދެއްވަމުން ރަޝިއާގެ ރައީސް ވްލަމިދިރު ޕުޓިން ވިދާޅުވީ އެފަދަ ފިޔަވަޅެއް އެމެރިކާއިން އަޅައިފި ނަމަ ދެގައުމުގެ މެދުގައި އޮތް ދުވަސްވީ ގުޅުމަށް ބުރޫ އަރާނެ ކަމަށެވެ.

ދެ ރައީސުން ވާހަކަ ދައްކަވާފައި މިވަނީ ރަޝިއާއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި ރަޝިއާގެ އަސްކަރީ ހަރަކާތްތައް އިތުރު ކުރަމުން ދާ ދަނޑިވަޅެއްގަ އެވެ.

"އެމެރިކާއިން އަޅާ އެފަދަ އެއްވެސް ފިޔަވަޅަކީ އޭގެ ނަތީޖާ ވަރަށް ހިތިވެދާނެ ފިޔަވަޅެއް،" ދެ ރައީސުންގެ ފޯނު ކޯލަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ޕުޓިންގެ ފޮރިން އެފެއާޒް އެޑްވައިޒަރު ޔޫރީ އުޝަކޯވް ވިދާޅުވި އެވެ.

މި ވާހަކަ ތަކާ ގުޅޭ ގޮތުން އެމެރިކާގެ ވައިޓް ހައުސްއިން މާބޮޑު ތަފްސީލެއް އާއްމު ނުކުރި ނަމަވެސް ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ހުރި ކަންތައްތަކެއްގެ އިތުރުން ޚިޔާލު ތަފާތުވާ ކަންތައްތަކެއް ވެސް ހުރި ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެވެ.

ވައިޓް ހައުސްގެ ސެކެޓްރަރީ ޖެން ސާކީ ވަނީ ޔޫކްރެއިން ބޯޑަރުގައި ރަޝިއާއިން ކުރިއަށް ގެންދާ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި ރަޝިއާއިން ޔޫކްރެއިން ހިފަން މަސައްކަތް ކޮށްފި ނަމަ އެމެރިކާއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން މަޑުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިންގެ މައްސަލާގައި އެމެރިކާއާއި ރަޝިއާގެ މަޝްރަހު ހޫނުވެފައި ވާއިރު މި މައްސަލާގައި ރަޝިއާއިން ވަނީ ނޭޓޯއަށް ވެސް ބަހުގެ ހަމަލާތަކެއް ދީފަ އެވެ. -- އަލް އަރަބިއްޔާ