ކައިވެނި ޕާޓީއެއް ނުވަތަ ރަސްމީ ހަފުލާއަކަށް ދައުވަތު ކާޑެއް ލިބިއްޖެ ނަމަ އެ ހަފުލާއެއްގެ ތީމަކީ ކޮބައިކަމާއި ލާންޖެހޭނީ ކޮންކަހަލަ ހެދުމެއްތޯ ސުވާލުކުރެވެ އެވެ. ނަމަވެސް މީގެ އިތުރުން ވިސްނާލަންޖެހޭ އިތުރު ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

ފެޝަންގެ އާންމު އުސޫލުތަކަށް ބަލާ ނަމަ ހަވީރީ ހެދުންއެޅުމުގައި ގެންގުޅެންޖެހޭ ވަކި އުސޫލުތަކެއް ހުރެ އެވެ. އިރުއޮއްސި 6:00ގެ ފަހުން އޮންނަ ހަފުލާތަކުގައި ލާންޖެހެނީ ރަސްމީ ހެދުމެކެވެ. އަދި މި ރަސްމީ ހެދުންތައް ހުންނަންޖެހޭ ވަކި ގޮތްތަކެއް ވެސް ހުރެ އެވެ.

ރަސްމީ މުނާސަބަތުތަކަށް ގިނަ އަންހެނުން ހިޔާރުކުރަނީ ދިގު ގައުން އެވެ. ނަމަވެސް މިހާރުގެ ފެޝަނަށް ބަލާއިރު މިކަމަށް ބަދަލުތަކެއް އަންނަން ފަށައިފި ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ އެވެ. މިގޮތުން ފަޓުލޫނާއި ހަރުވާޅު އެކުލެވޭ ލުކްސްތައް މިހާރު އާންމެވެ.

ޑިޒައިންތަކަށް މިފަދަ ބަދަލުތައް އަންނަން ފަށާފައި ވިޔަސް ވަކި މިންގަނޑުތަކެއް ހިފަހައްޓަންޖެހެ އެވެ. މިސާލަކަށް، ބޭނުންކުރާ ކުލަތަކާއި ފޮތި މިއީ ރަސްމީ މުނާސަބަތުތަކާ ގުޅެންޖެހޭނެ އެއްޗިއްސެވެ. ދުވާލު ގަޑީގައި ލާ ފްލޯރަލް ޕްރިންޓް ހެދުމެއް ނުވަތަ ޖިންސެއް މިކަހަލަ މުނާސަބަތަކާ އެންމެ ގުޅޭ އެއްޗަކަށް ނުވާނެ އެވެ.

ހެދުންއެޅުމުގައި އާދައިގެ، ނަމަވެސް "ސްޓޭޓްމަންޓް" ގޮތަށް ބޭނުންކުރުމުން މުޅި ލުކް ފުރިހަމަވެ އެވެ. އެހެން ނޫން ނަމަ، ފެޝަން ޑިޒާސްޓާއަކަށް ވުމަކީ މާ ދުރުކަމެއް ނޫނެވެ. މިގޮތުން ސްޓޭޓްމަންޓް ޖުވެލެރީއެއް ނުވަތަ ބުރުގާ އަޅާ މީހުން ބޭނުންކުރާ ޕިން، ފައިވާން، ދަބަސް، މޭކަޕް ނުވަތަ ހެދުމުގައިވާ އެންބޮރޮއިޑެރީ އަކީ ސްޓޭޓްމަންޓަކަށް ހެދިދާނެ އެވެ.

ކުލައަށް ވިސްނާލާއިރު، އެންމެ ރަގަޅީ ޖުވެލް ޓޯންސް، ކަޅު، ނިއުޓްރަލް ކުލަތައް ބޭނުން ކުރުމެވެ. ނަމަވެސް މިހާރު ގިނަ ރަސްމިއްޔާތުތަކަށް ވަކި ކުލަ ކަޑައެޅިފައި ވާތީ، އެ ކުލަ ހުންނަ ރަސްމީ ފޮއްޗެއް ބޭނުންކުރެވިދާނެ އެވެ.

ރަސްމީ މުނާސަބަތުތަކަށް ފިރިހެނުން އަޅަން އެންމެ ގުޅޭނީ ސޫޓް ނުވަތަ ގަމީހާއި ފަޓްލޫނެވެ. ފިރިހެނުންނަށް މާގިނަ އިހްތިޔާރުތަކެއް ނެތް ނަމަވެސް، ލާއެއްޗެއް ހެޔޮވަރު ވުމަކީ އެ ލުކް ފުރިހަމަކޮށްދޭނެ ކަމެކެވެ.

މީގެ އިތުރުން އައުޓްފިޓްގެ ފޮތި އަދި އެޔާ އެކު ބޭނުންކުރާ ގަހަނާ މުނާސަބަތާ ގުޅުން މުހިންމެވެ. މިސާލަކަށް، ބީޗް ވެޑިންއަކަށް ވޫލް ސޫޓަކަށް ވުރެ ލިނެން ފޮތީގެ ސޫޓެއް ގުޅޭނެ އެވެ. ޓައީއެއް އަޅާ ނަމަ، ކޮލިޓީ ރަނގަޅު ފޮއްޗެއްގެ ޓައި ބޭނުން ކުރެވިދާނެ އެވެ. ނުވަތަ އަރާ ބޫޓަކީ ރަސްމީ ބޫޓަކަށް ވާންޖެހޭނެ އެވެ.