އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް)ގެ ބޯޑުގެ އެކައުންޓިން އެންޑް ފައިނޭންސް މެންބަރުކަމުގެ މަގާމަށް މަރްޔަމް ނަޒުލީނާ މިއަދު އައްޔަނުކޮށްފި އެވެ.

އައިޑީއެސްއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުން، މިދިޔަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އުފެއްދެވި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

ނަޒުލީނާއަކީ ފައިނޭންޝަލް ރިޕޯޓިން، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މިހާރު ވެސް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއާ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ނަޒުލީނާއަކީ ފަންނީ ގޮތުން ގާބިލު ބޭފުޅެކެވެ.

ހާއްސަކޮށް ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށް ވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ އޭނާ ހޯއްދަވާފައިވެ އެވެ. އޭނާ ވަނީ ސެޕް އެފްއައި ބޭނުންކުރާ 200 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން، ފައިނޭންޝަލް ރިޕޯޓިން ޓީމުތައް އިސްވެ ބެލެހެއްޓެވުމާއި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓާކުރުމާއި، އައިޕީއެސްއޭއެސް އަދި އެކްރޫއަލް އެކައުންޓިން އިސްލާހީ މަސައްކަތްތަކުގައި ވެސް އިސް ދައުރެއް އަދާކުރައްވާފަ އެވެ.

ތައުލީމީ ގޮތުން ބަލާއިރު، ނަޒުލީނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ. އަދި އޭގެ ކުރިން މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ބެޗްލާ އޮފް ކޮމާސް ފުރިހަމަކުރައްވާފައިވެ އެވެ.

އައިޑީއެސްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ރަށްރަށާއި އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ.