މިދިޔަ މަހު ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބުނުއިރު، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ މިދިޔަ ޑިސެމްބަރު މަހު އައި ޓޫރިސްޓުންގެ އަދަދު ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އައީ 164,279 ޓޫރިސްޓުންނެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައީ 171,348 ޓޫރިސްޓުންނެވެ. އަދި 2020 ވަނަ އަހަރު ޑިސެމްބަރު މަހު އަައީ 96,412 ޓޫރިސްޓުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 1،321،932 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 2020 ވަނަ އަހަރާއި އަޅާބަލާއިރު 138 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 3،622 ޓޫރިސްޓުން އަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައީ 2،128 ޓޫރިސްޓުންނެވެ.