އަލަށް އުފަންވާ ދަރިފުޅަކީ ސިއްހީ ގޮތުން ދުޅަހެޔޮ ކުއްޖަކަށް ހެދުމަށްޓަކައި މާބަނޑު ދުވަސްވަރު މައިންގެ އުޅުން ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހެ އެވެ. ކެއިން ބުއިމާއި އާންމު ދިރިއުޅުން ވަކި ގޮތަކަށް ބައްޓަންކުރަން ޖެހެ އެވެ.

މީގެ އިތުރުން މޮބައިލް ފޯނު މާގިނައިން ބޭނުން ނުކުރުމަށް ބައެއް ތަޖުރިބާކާރުން އިރުޝާދު ދެ އެވެ. ފޯނުން ނުކުންނަ ރޭޑިއޭޝަނުން، ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުން ވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ތަޖުރިބާކާރުން ގެންގުޅެ އެވެ.

މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތައް ބުނާ ގޮތުގައި މާބަނޑު ދުވަސްވަރު މާގިނައިން ފޯނު ބޭނުންކުރާ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުން ލިބޭނެ އެވެ. ނަމަވެސް ވަރަށް ފަހުން ކޮށްފައިވާ ދިރާސާއަކުން ވަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ބުނެފަ އެވެ.

ބަނޑު ބޮޑުއިރު މޯބައިލް ފޯނު ބޭނުން ކުރުމަކުން ބަނޑުގައި އޮންނަ ކުއްޖާގެ ހެދިބޮޑުވުމަކަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށް އެ ދިރާސާގައި ބުނެ އެވެ. މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ނޯވޭޖިއަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުގެ ސައިންސްވެރިޔާ ޑރ. އެލިނީ ޕަޕަޑޮޕޯލޫ ވިދާޅުވީ މާބަނޑު މީހުން މޯބައިލް ފޯނު ބޭނުންކުރުމުން، ބަނޑުގައި އޮންނަ ދަރިފުޅަށް ނޭދެވޭ އަސަރުތައްކުރާ ކަމަށް ބުނާ ދިރާސާތަކަކީ ޖަނަވާރުން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާތަކެއް ކަމަށާއި އެފަދަ ދިރާސާތަކުން އެކަށީގެންވާ ހެކި ލިބިފައިވާ ނުވާ ކަމަށެވެ.

މިފަހަރުގެ ދިރާސާގައި 45،389 ދެ މައިން (މަންމަ އާއި ދަރިފުޅު) ބައިވެރި ކޮށްފައިވެ އެވެ. އަދި މި ކުދިންނަށް ބަލިވެ އިނީންސުރެ ވިހައިގެން އެތައް ދުވަހެއް ވަންދެން މި އެންމެންގެ މައުލޫމާތު އެއްކުރަމުން ގެންގޮސްފައިވެ އެވެ. އަދި ފަހުން ކުދިންގެ އުމުރުން ތިން އަހަރާއި ފަސް އަހަރުގައި ވެސް އަލުން މި ކުދިންގެ ސިއްހީ ހާލަތު ވަޒަން ކޮށްފައިވެ އެވެ.

މި ދިރާސާގެ މައުލޫމާތަށް ބަލައި ސައިންސްވެރިން ބުނަނީ މާބަނޑުއިރު މޯބައިލް ފޯނު ކުރުމުން، ބަނޑުގައި އޮންނަ ކުއްޖާއަށް ކުރަނީ ރަނގަޅު އަސަރުތަކެއް ކަމަށެވެ. މިފަދަ ކުދިން ތިން އަހަރު ވާއިރު ވާހަކަ ދެއްކުމުގެ ހުނަރާއި އަތް ގެންގުޅޭނެ ގޮތުގެ ހުނަރު ތަރައްގީވެފައި ހުރިލެއް މާ ރަނގަޅުކަން މި ސައިންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް ފޯނު ގެންގުޅުމުގައި ވެސް ވަކި މިންގަނޑުތަކެއް ގެންގުޅުމަށް މި ދިރާސާގައި ލަފާ ދީފައިވެ އެވެ. މާ ގިނައިރު ވަންދެން ފޯނާ ކުޅެން އިނުމަކީ އެކި ގޮތްގޮތުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.