ތެހްރާން (04 ޖެނުއަރީ) - ގުދްސް ފޯސްގެ ޗީފް ގާސިމް ސުލައިމާނީ ގަތުލުކުރި މައްސަލާގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ނުހިންގައިފި ނަމަ އެމެރިކާގެ ކިބައިން ބަދަލު ހިފާނެ ކަމަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވައުދުވެ ވަޑައިގެންފި އެވެ.
"ޖެނެރަލް ސުލައިމާނީ ޝަހީދުކޮށްލި މައްސަލާގައި ޓްރަމްޕްއާއި އެމެރިކާގެ ކުރީގެ ސެކެޓްރަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯގެ މައްޗަށް އަދުލުވެރި ޝަރީއަތެއް ނުހިންގައިފިނަމަ ސުލައިމާނީގެ ޝަހާދަތަށް މުސްލިމުން ބަދަލު ހިފާނެ،" ރައިސީ ވިދާޅުވި އެވެ.
އީރާނުގެ ގުދުސް ފޯސްގެ ކުރީގެ ވެރިޔާ ގާސިމް ސުލައިމާނީ ޝަހީދު ކޮށްލާފައިވަނީ އިރާގުގައި ދިން ޑްރޯން ހަމަލާއެއްގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ތިންވަނަ ދުވަހު އެވެ.
ސުލައިމާނީ އަވަހާރަ ކޮށްލިތާ ދެއަހަރު ފުރުނު ދުވަހު އީރާނާއި މެދު އިރުމަތީގެ އެކި ގައުމުތަކުގައި އާއްމުން ވަނީ އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް އަޑުއުުފުލާ މުޒާހަރާ ކޮށްފަ އެވެ.
އީރާނުން އދ އަށް ކަނޑައަޅުއްވާފައި ހުންނަ ދާއިމީ މަންދޫބު ކަމަށްވާ ތަޚްތު ރަވަންޗީ ވަނީ ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ފަހަތުގައި ވަނީ އެމެރިކާއާއި އިޒްރޭލު ކަމަށް ތުހުމަތު ކޮށްފަ އެވެ.
"އިޒުރޭލާއި އެމެރިކާގެ މި ޓެރަރިސްޓް އަމަލުތަކަށް އދގެ ސުލްހައިގެ އުސޫލުތަކުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅެން ޖެހޭނެ،" ރަވަންޗީ ވިދާޅުވި އެވެ.
މި ތުހުމަތުތަކާ ގުޅިގެން އެމެރިކާއިން އޭރު ބުނެފައިވަނީ އެއީ އެމެރިކާގެ ސިޔާދަތާއި މަސްލަހަތު ރައްކާތެރި ކުރުމަށް ކުރި ކަމެއް ކަމަށެވެ. އަދި އެކަން ރައްކާތެރި ކުރުމަށްޓަކައި މެދު އިރުމަތީގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ވެސް ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ