ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ރާއްޖޭގައި ވެސް ދަނީ ފެތުރެމުން ކަމަށާއި، ކުރިޔަށް އޮތީ ނާޒުކު ތިން ހަފްތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވަނީ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ރާއްޖޭގައި ވެސް ފެތުރެމުންދާކަން ފާހަގަކުރައްވައިފަ އެވެ. އަދި ކަމާގުޅޭ މާހިރުން ވިދާޅުވާ ގޮތުގައި ކުރިޔަށް އޮތް ތިން ހަފްތާއަކީ ނާޒުކު ތިން ހަފްތާ ކަމަށް ވުމާއެކު އިތުރަށް މި ކަންކަމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދިނުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

ހަތަރު މަސް ދުވަހަށް ފަހު ކޮވިޑްގެ ނަމްބަރުތައް އިއްޔެ ވަނީ ކުއްލިއަކަށް މައްޗަށް އަރައިފަ އެވެ. މިއީ އާ ވޭރިއެންޓްގެ ސަބަބުން މައްޗަށް ދާން ފެށީ ކަމަށް ބެލެވެ އެވެ.

ރައީސް ސޯލިހު މިއަދު ނ. މާފަރަށް ވަޑައިގަތުމުން އެ ރަށު މީހުން މަރުހަބާ ކިޔަނީ. ފޮޓޯ: ރައީސް އޮފީސް

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު 3 ގައި މާލެ ސަރަހައްދުން 2،030 މީހުންގެ ސާމްޕަލް ޓެސްޓުކުރިއިރު ޕޮޒިޓިވްވީ އެންމެ 22 މީހެކެވެ. އެ މަހުގެ ތެރޭގައި މާލޭގެ ކޮވިޑުގެ ކޭސްތައް އެވްރެޖްކޮށް ހުރީ 20 ގަ އެވެ. އަދި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް އެއް ޕަސެންޓުގައި ހިފެހެއްޓިފައިވެ އެވެ.

އެކަމަކު އިއްޔެ މާލެ ސަރަހައްދުން 1،293 ސާމްޕަލް ޓެސްޓުކުރިއިރު 97 މީހުން ޕޮޒިޓިވްވެފައިވެ އެވެ. ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ ހަތް ޕަސެންޓުގަ އެވެ. މިއީ، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އެއް ދުވަހާ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެހެންވެ، އެކްޓިވް ކޭސްތައް ވެސް މިހާރު ވަނީ 2،609 އަށް އަރާފަ އެވެ.

ރާއްޖޭގައި އޮމިކްރޮނަށް ފުރަތަމަ ފަހަރަށް ޕޮޒިޓިވްވީ އއ. އަތޮޅު ސޭންޑީސް ބަތަލާ ރިސޯޓަށް އައި ސައުތު އެފްރިކާގެ ޓޫރިސްޓެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގަ އެވެ.

އޮމިކްރޯން ވޭރިއެންޓް ހަލުއިކަމާއެކު ފެތެރުމުންދާތީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފަ އެވެ. މިގޮތުން ޔޫރަޕާއި މެދުއިރުމަތީގެ ގިނަ ގައުމުތަކުގައި ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.