ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނެސްދެމުންދާ ތަރައްގީ ފެނިފައި، އެކަމާއި އުދަގޫވާނެ ބަޔަކު ތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ނ.މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުން އެކަމާއި ކަންބޮޑުވާ ނުނީ ދެރަވާނެ ބަޔަކު އުޅޭނެކަމަށެވެ. ނަމަވެސް ސަރުކާރުން ތަރައްގީ ގެންނަނީ ރައްޔިތުންނާއި، ގުޅިގެން ލާމަރުކަޒީ އުސޫލުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ގާއިމު ކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު، ރައްޔިތުން ތިބީ އަސާސީ ގިނަ ހިދުމަތްތަކަކުން މަހުރޫމުވެފައި ކަމުގަ އެވެ. އަދި، ފެނާއި ނަރުދަމާގެ ހިދުމަތާއި، ސިއްހީ ފަރުވާގެ ހިދުމަތާއި، ތަޢުލީމީ ނިޒާމު ފުރިހަމަކުރުމާއި، ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމު ކުރުމަށް މި ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގަ އެވެ. މީގެ އިތުރުން، އަމިއްލަ ރަށުން ލިބެން ނެތް ހިދުމަތްތައް، އެ ރަށެއް ހުރި ސަރަޙައްދަކުން ފޯރުކޮށްދިނުމުގެ ގޮތުން ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، މިފަދަ އަސާސީ ހިދުމަތަކީ ކޮންމެ ފަރުދެއްގެ އަސާސީ ހައްގެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާތީ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މިސަރުކާރު ހަވާލުވީ އިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދޭ މިންވަރު އޮތީ 16 މެގަވޮޓުގައި ކަން ފާހަގަކުރައްވާ، އެ އަދަދު މިހާރު 20 މެގަވޮޓަށް އިތުރުކޮށް، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެ އަދަދު 52 މެގަވޮޓަށް އިތުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.