ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން ވަނީ އިންޓެލިޖެންސް ޑީ-ބްރީފިން އާއި ރިސްކް އެސެސްމަންޓާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމް އަދި އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތާބެހޭ ގަވައިދު އާއްމު ކޮށްފި އެވެ.

މިއީ ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އަންނަ ހާލަތުގައި، އެ ފަރާތްތަކުގެ މައްޗަށް، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޚާއްޞަ އިޖުރާއަތުތައް ހިމެނޭ ގަވައިދެކެވެ.

އޭގެ ތެރެއިން، އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގާ ހާއްސަ އިޖުރާއަތުތަކާ ބެހޭ ގަވައިދުގައި ވަނީ ހަނގުރާމަވެރި ސަރަހައްދަކުން އަނބުރާ ރާއްޖެއަށް އަންނަ މީހުން އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރަން ހޯމް މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށެވެ. އެ މީހުންގެ އިތުރުން އެ ސަރަޙައްދުތަކުން އަންނަ 15 އަހަރުން ދަށުގެ ކުޑަކުދިން ވެސް އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުކުރަންވާނެ އެވެ.

ގަވައިދުގައި ބުނާގޮތުން ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް 15 އަހަރުން ދަށުގެ ކުޑަކުދިން އެ ކުދިންގެ ބެލެނިވެރިއަކާ އެކު އެފަދަ މަރުކަޒެއްގައި ބޭތިއްބުމަށް ކަނޑައެޅިދާނެ އެވެ. ނަމަވެސް ކުއްޖާގެ މައިންބަފައިންގެ ގާތުގައި ހުރުމުން އެ ކުއްޖާ ހަރުކަށި ފިކުރަށް ހުށަހެޅުމުގެ ފުރުސަތު އޮތް ނަމަ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިހުތިޔާރު ލިބިގެންވެ އެވެ. އެ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެ ކުއްޖާގެ މައިންބަފައިންނާ ވަކިކުރުން ކަމުގައި ވާ ނަމަ، އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެންގޮސް، ކުއްޖާގެ އާއިލާގެ އެހެން މެންބަރަކާ ނުވަތަ މެންބަރުންނާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ހަވާލުކުރެވިދާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

އިދާރީ މަރުކަޒެއްގައި ބަންދުކޮށްފައި ހުރިނަމަވެސް ކޮންމެހެން ބޭނުންވާ އަސާސީ ސިއްހީ ފަރުވާއާއި ނަފްސާނީ ސިއްހަތުގެ މާހިރުން މެދުވެރިކޮށް ލިބިދޭންޖެހޭ އެހީތެރިކަން އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ބަންދު ކުރެވޭ މީހާ އަށް ދޭން ޖެހެ އެވެ. ނަމަވެސް މި ސިއްހީ ހިދުމަތް އެ ފަރާތަކަށް ފޯރުކޮށްދިނުމާއެކު، އެ ފަރާތަކާ ގުޅޭ އިންޓެލިޖެންސް ޑީ-ބްރީފިންގއެއް ފުލުހުން ހަދަންވާނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.