ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޯމަތިވެފައިވާ ދަނޑިވަޅެއްގައި ކޮމަންޑޫގައި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ދަނޑެއް ނެތި ކޮމަންޑޫ ރައްޔިތުން ފުޓުބޯޅަ ކުޅުމުން މަހުރޫމްވެފައިވާތާ 30 އަހަރު ވެފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީ ގެ ސީއެސްއާރްގެ ދަށުން ދަނޑު ގާއިމްކޮށްދިނުމަށް މިހާރުވަނީ ނިންމާފައިވާ ކަމަށާއި އަންނަ ހަފްތާގަ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޓީީސީސީގެ ސީއީއޯ އާދަމް އާޒިމްއަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މަހްލޫފް މިފަދައިން ޓުވީޓު ކުރައްވާފައިވާއިރު ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު މަރްހޫމް ހުސެއިން ވަހީދުގެ ކެމްޕެއިން ތެރޭގައިވެސް ދަނށު ތަރައްގީކުރުމަށް ވައުދު ވެފައިވާ ކަމަށް ކޮމަންޑޫއިން ހުރިހާއާ ވާހަކަދެއްކި ބޭފުޅަކު ވިދާޅުވި އެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދާއި އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނެވެ.

ކޮމަންޑޫގެ ރައްޔިތަކު ބުނީ ހަންނާނަކީ ކޮމަންޑޫ ދަނޑު ތަރައްގީކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އާއިލީ ޕާޓީން ކުރިމަތިލެއްވި ކެންޑިޑޭޓު ކަމަށްވާތީ ސަރުކާރުން ޕްރޮމޯޓް ކުރަނީ ކޮން ކެންޑިޑޭޓެއްކަން މިހާރު އޮޅިފައިވާ ކަމަށެެވެ.