ރާއްޖެއާއި ޗައިނާއާ ދެމެދު ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމުގެ ގޮތުން ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެ ވަޑައިގެންފި އެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. މިގޮތުން ސިނަމާލެ ބްރިޖާއި މާލެ އާއި ހުޅުމާލޭގައި ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ބޮޑެތި އެތައް މަޝްރޫއަކަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ވެސް ބޮޑެތި ލޯނުތަކެއް ޗައިނާއިން ދީފައިވެ އެވެ.

މި ސަރުކާރު ހަވާލުވުމަށްފަހު އިންޑިއާއަށް މާބޮޑަށް ބަރޯސާވެ، ޗައިނާއާއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމުގެ ގޮތުން ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ފޮރިން މިނިސްޓަރު ޝާހިދު އެއާޕޯޓުގައި ވާހަކަދައްކަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާގެ މިނިސްޓަރުގެ މިދަތުރުފުޅަކީ މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ރަސްމީ މަޝްވަރާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ މިއަދު ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މަރުހަބާ ދަންނަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ފޮރިން މިނިސްޓަރުގެ މިދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް އާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މިއަހަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1972 ވަނަ އަހަރު އެވެ.