ކިއެވް (08 ޑިސެމްބަރު) - ޔޫކްރެއިން އާއި އެހެން އެއްވެސް ގައުމަކަށް ވެސް ނޭޓޯގެ މަމްބަރުކަން ނުދިނުމަށް ރަޝިއާއިން އެ ޖަމާއަތަށް ހުށައެޅި ޝަރުތަށް އެ ޖަމާއަތުން ދެކޮޅު ހަދައިފި އެވެ.

ނޭޓޯއަށް މެމްބަރުން އިތުރުކޮށް އަސްކަރީ އެ ޖަމާއަތް ފުޅާކުރުން ހުއްޓާނުލާނެ ކަމަށް ނޭޓޯއިން ބުނެފައި ވަނީ ޔޫކްރެއިން މައްސަލާގައި ނޭޓޯއާއި ރަޝިއާ ކައުންސިލްގެ ބައްދަލުވުމުގެ ކުރިން ނޭޓޯގެ ފޮރިން މިނިސްޓަރުންގެ މެދުގައި ބޭއްވުނު މަޝްވަރާތަކަށް ފަހުގަ އެވެ.

ރަޝިއާއާއި ޔޫކްރެއިންގެ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ރަޝިއާގެ ރައީސް ވްލަމިޑިރް ޕުޓިން ވަނީ މަޝްރަހު ފިނި ކުރުމަށް ވިސްނާނީ ނޭޓޯއިން އެ ގައުމުގެ ޝަރުތުތަކަށް އެއްބަސްވުމުން ކަމަށް ވިދާޅުވެފަ އެވެ.

ދެ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އަންނަ ބުދަ ދުވަހު ރަޝިއާ-ނޭޓޯ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައި ވާއިރު މި ބައްދަލުވުމަކީ ދިގުލައިގެން ދާނެ ބައްދަލުވުމެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ.

ރަޝިއާގެ ހުށައެޅުންތަކަށް ނޭޓޯއިން އެއްބަސްވެއްޖެ ނަމަ އެ ޖަމާއަތުގެ އެންމެ އަސާސީ ގަވާއިދާ ޚިލާފުވެވުނީ އެވެ.

އެ ގަވާއިދު ބުނާ ގޮތުން ނޭޓޯގެ މެމްބަރުކަން ބޭނުންވާ ޔޫރަޕަށް ނިސްބަތްވާ ކޮންމެ ގައުމަކަށް ވެސް އެޖަމާއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ރަޝިއާއާއެކު ކުރިއަށް އޮތް ބައްދަލުވުމާ ގުޅޭގޮތުން ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން ވިދާޅުވީ މަޝްވަރާ ކުރުމަކީ ރަޝިއާގެ ހުރިހާ ޝަރުތުތަކަށް އެއްބަސްވުން ނޫން ކަމަށާއި އެއްބަސްވުމަކަށް އަންނާނީ ދެ ފަރާތަށް ވެސް ލިބޭ މަންފާއަށް ބަލާފައި ކަމަށެވެ. -- އަލް އަރަބިއްޔާ