ފަސް ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން މިއަދު ސޮއި ކޮށްފި އެވެ.

މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމަކީ 199 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މިއެއްބަސްވުމުގެ ދަށުން ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމުކުރެވޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި ކަމަށްވެސް ބުނެފައިވެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގެ ތެރެއިން މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މީގެ އިތުރުންމިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އިގުތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން ޖުމްލަ 968 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެ އެވެ.

ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމުގެ ދަށުން ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދުމަށް ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.