ޕްރިޓޯރިއާ (09 ޖެނުއަރީ) - ކޮވިޑް 19ގެ އޮމިކްރޯން ވޭރިއަންޓް ފެނުނު ދެކުނު އެފްރިކާގައި ހެދި ދިރާސާއަކުން ޕެންޑަމިކް ނިމުމަކަށް އަންނަން ކައިރި ވެއްޖެ ކަމަށް ދައްކައިފި އެވެ.

ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގައި ތިބި އޮމިކްރޯން ބަލި މީހުންތަކެއް ހިމަނައިގެން ހެދި މި ދިރާސާގައި ބުނެފައިވަނީ އޮމިކްރޯން ވޭރިއަންޓްގައި ހާލުބޮޑުވުން މީގެ ކުރިން ފެނުނު ވޭރިއަންޓްތަކަށްވުރެ ކުޑަ ކަމަށާއި އެކަމުން ދައްކުވައިދެނީ ބަލީގެ ބާރު ދަށްވަމުން އަންނަ ކަމަށެވެ.

"މި ގޮތަށް ކުރިއަށް ދާނަމަ ބަލީގައި ހާލުބޮޑުވެ މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށަށް ދާނެ،" ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

އެންމެ ފުރަތަތމަ އޮމިކްރޯން ވޭރިއަންޓް ފެނުނު ދެކުނު އެފްރިކާގައި އެ ވޭރިއަންޓް ފެތުރެމުންދާ ގޮތް ސައިންސްވެރިން ވަރަށް ގާތުން ބަލަމުން އަންނައިރު އެއިން މުޅި ދުނިޔެއަށް އޮމިކްރޯންގެ ސަބަބުން އޮތް ނުރައްކާ ދެނެގަނެވޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

މި ދިރާސާގައި އިތުރަށް ބުނެފައިވަނީ އޮމިކްރޯން ވޭރިއަންޓް ފެތުރޭ ހަލުވި މިނަށް ބަލާއިރު އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ދަށް ކަމަށާއި އެއީ ލިބޭ އުއްމީދެއް ކަމަށެވެ.

އެގޮތުން ދެކުނު އެފްރިކާއަށް ކުރިމަތިވި އޮމިކްރޯންގެ ރާޅާއެކު ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރަންޖެހޭ މީހުންނާއި ބަލީގައި މަރުވި މީހުންގެ އަދަދު މީގެ ކުރިން އެގައުމަށް ކުރިމަތިވި އެހެން ރާޅުތަކާ އަޅާބަލާއިރު ދަށްކަން ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

ދެކުނު އެފްރިކާގައި އޮމިކްރޯން ފެތުރެމުން އަންނަ ގޮތަށް އެހެން ގައުމުތަކުގައި ވެސް ފެތުރޭ ނަމަ ބަލީގެ ބާރު ދަށްވެ ޕެންޑަމިކްގެ އެންމެ ނުރައްކާތެރި ދައުރު ނިމުމަކަށް އަންނާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

މި ގޮތަށް ބަލީގެ ބާރު ދަށްވެ އިންފްލުއެންޒާ، ޑެންގޫ ހުން އަދި އަރިދަފުސް ރޯގާ ފަދަ އާދައިގެ ބައްޔަކަށް ކޮވިޑް 19 ވުން ގާތް ކަމަށް ސައިންވެރިން ލަފާ ކުރެ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް