މިދިޔަ 24 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެރިޒޯނާ ސްޓޭޓްގެ ރިޔާސީ ވޯޓު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށްފި އެވެ.

އާބާދީގައި 7.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްޓޭޓްގެ މެޖޯރިޓީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބުކުރުމާއެކު 11 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެ އެވެ. މައި ދެ ޕާޓީއަށް ވެސް އެ ސްޓޭޓަކީ މި އިންތިހާބުގައި ވަރަށް މުހިންމު ސްޓޭޓަކަށް ވެގެންދިޔަ އެވެ. އެހެންވެ ރައީސް ޑޮނަލް ޓްރަމްޕާއި ބައިޑެން ވެސް އެ ސްޓޭޓަށް ވަޑައިގެން ކެމްޕޭން ކުރެއްވި އެވެ.

އެތައް އަހަރެއް ވަންދެން ރިޕަބްލިކުންނަށް ތާޢީދުކުރާ ސްޓޭޓެއްގެ ގޮތުގައި އޮތް އެރިޒޯނާ ސްޓޭޓު ޑިމޮކްރަޓުންނަށް ކާމިޔާބުވާނެ ކަމަށް ބައިޑަން އުއްމީދުކުރެއްވި އެވެ.

މިފަހަރުގެ އިންތިހާބުގައި އެރިޒޯނާ ސްޓޭޓްގައި ރެކޯޑު އަދަދެއްގެ މީހުން ވަނީ ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލައިފަ އެވެ. އެގޮތުން 2.6 މިލިއަން މީހުން ދުރާލައި ވޯޓުލާފައިވެ އެވެ.