ވޮޝިންޓަން (10 ޑިސެމްބަރު) - އީރާނުގެ ގުދުސް ފޯސްގެ ކުރީގެ ޗީފް ގާސިމް ސުލައިމާނީ ގަތުލުކުރި މައްސަލާގައި އީރާނުން އެމެރިކާގެ ރައްޔިތުންތަކެއް ހައްޔަރު ކުރުމުން އެމެރިކާއިން ރުޅިގަދަވެއްޖެ އެވެ.

ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުވިލަންގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ޔަގީން ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.

"އެއްވެސް ގޯހެއް ހަދައިފިނަމަ އެމެރިކާއަށް އެގައުމުގެ ސިޔާދަތާއި ރައްޔިތުން ހިމާޔަތް ކުރަން އެނގޭނެ" ބަޔާނުގައި ޖޭކް ބުނެފައިވެ އެވެ.

ޖޭކް އިތުރަށް ވިދާޅުވީ އެމެރިކާ މީހުންގެ މެދުގައި ސިޔާސީ ބައިބައިވުން އޮތް ނަމަވެސް ގައުމަށާއި ގައުމުގެ އެއްވެސް ރައްޔިތަކަށް ނުރައްކާ ހުށައެޅިއްޖެ ނަމަ އެމެރިކާއަކީ އެކަތިގަނޑެއް ކަމަށެވެ.

މީގެ އިތުރުން އީރާނާ ކުރިމަތިލުމުގައި އެމެރިކާއަށް އެގައުމަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އީރާނުން ހިފެހެއްޓި އެމެރިކާ ރައްޔިތުންގެ ތެރޭގައި އެމެރިކާގެ ސަރުކާރަށާއި އަސްކަރިއްޔާއަށް މީގެ ކުރިން ޚިދުމަތް ކޮށްދީފައިވާ މީހުން ވެސް ހިމެނެ އެވެ.

އީރާނުގެ މި ފިޔަވަޅު އައިސްފައި މިވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަ ކުރުމުގެ މަޝްވަރާތަކުގައި އީރާނާއި އެމެރިކާގެ މަޝްރަހު ހޫނުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.

އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ "ޕްލޭން ބީ" އަކަށް ދާނެ ކަމަށް އެމެރިކާއިން އަބަދުވެސް އައީ ބުނަމުންނެވެ.

އެކަމުގެ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް އެއީ އީރާނުގެ ނިއުކްލިއާ ވަސީލަތްތަކަށް ހަމަލާއެއް ދިނުމުގެ ޕްލޭންއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.