ސްކޫލު ބަންދުވުމާއި ގުޅިގެން ޗުއްޓީ އަމިއްލަ ރަށުން ބޭރުގައި ހޭދަކުރަމުން އަންނަ ޓީޗަރުންނާއި ދަރިވަރުން ވީ އެންމެ އަވަހަކަށް އެބަޔަކު ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްކޫލުތައް ދެ ވަނަ ޓާމަށް ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނައިރު ސުކޫލުތަކުގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދު ވެސް އެންމެ އިސްކަންދޭ ކަމެއް ކަމަށެވެ.

ދެވަނަ ޓާމް ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސުކޫލަށް ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއްކަން ފާހަގަ ކުރައްވަމުން އެމިނިސްޓްރީން ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ފަސް އިންސައްތައިން މަތިވެފައިވާތީ މާލޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ދަރިވަރުންނާއި މުދައްރިސުން އެޗްޕީއޭގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކޮށް، ވީ އެންމެ އަވަހަކަށް ރަށަށް އައުމަށް އެދޭ ކަމަށެވެ.

މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި މިއަދުން ފެށިގެން ހަރުކަށި ފިޔަވަޅިތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ.

މިދުވަސް ވަރަކީ ސުކޫލު ބަންދު ދުވަސް ވަރަކަށްވާއިރު މާލެއަށް ގިނަ އަދަދެއްގެ މީހުން އެކި ބޭނުން ތަކަށް އައިސްފައިވާކަން ފާހަގަ ކުރެވެ އެވެ.