ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުން އެމެރިކާ އާއި އިޒްރޭލު ވަކިވެއްޖެ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުން އެމެރިކާ އާއި އިޒްރޭލު ވަކިވީ ހަމާސްގެ ރަނގަޅު ނިޔަތެއް ނެތް ކަމަށް ބުނެ އެވެ.

މިއާއެކު އެމެރިކާގެ ސްޕެޝަލް އެންވޮއި ސްޓީވް ވިޓްކޮފް ބުނީ، މަޝްވަރާތަކަށް ދޯހާގައި ތިބި އެމެރިކާ ޓީމު އަނބުރާ ގެންނަން ނިންމާފައިވާ ކަމަށާއި، މިފަދައިން ނިންމީ ޣައްޒާ ގަތުލުއާއްމު މެދުކަނޑާލުމަށް ހަމާސުން ބޭނުންވާކަން ނުފެންނާތީ ކަމަށެވެ.

ވިޓްކޮފް ބުނީ ދެން މި މަޝްވަރާތަކުގެ ބަދަލުގައި ބަލާނީ ހަމާސުގެ ބެލުަމުގެ ދަށުގައި ތިބި ޔަހޫދީން އަނބުރާ އިޒްރޭލަށް ގެނައުމާއެކު ގައްޒާގެ ރައްޔިތުންނަށް ހަމަޖެހޭ މާހައުލެއް ބިނާކުރެވިދާނެ އެހެން ގޮތްތަކެއް ހޯދުމަށް ކަމަށެވެ.

މިކަމާ ގުޅިގެން މިހާތަނަށް އިޒްރޭލުން ވަކިއެއްޗެއް ނުބުނި ނަމަވެސް، ހަމާސުން ބުނީ ވިޓްކޮފްގެ މި ނިންމުމުން ހައިރާންކަން ލިބުނު ކަމަށާއި، އެމީހުން ތިބީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.

ގަތަރާއި މިސްރާއި އެމެރިކާ މެދުވެރިއަކަށް ވެގެން ކުރިއަށްދާ މަޝްވަރާތަކަށް މިހާރު 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލާފައެއް ނުވެ އެވެ. މި ހަމަލާތަކުގެ އިތުރުން ޣައްޒާއަށް އެހީ އެތެރެކުރަން ޔަހޫދީން ހުރަސް އަޅަމުންދާއިރު، އދ. އިން ހާމަކުރި ގޮތުގައި ޣައްޒާގެ ކޮންމެ 5 ކުޑަކުއްޖަކުން 1 ކުއްޖަކީ ބަނޑުހައިހޫނު ކަމުގެ ވޭނުގައިވާ ކުއްޖެކެވެ.