މިހާރު ސިނަމާތަކުގައި ދައްކަމުންދާ ހިންދީ ލޯބީގެ ފިލްމު ސައްޔާރާ އާއެކު އެ ފިލްމުން ބޮލީވުޑަށް ތައާރަފްވި އަހާން ޕާންޑޭއަށް ބޮޑު މަގުބޫލުކަމެއް ލިބިއްޖެ އެވެ.
މޯހިތު ސޫރީގެ މި ފިލްމުގައި އަހާން ޕާންޑޭ ފެނިގެން ދަނީ އަނީތު ޕައްދާ އާއެކު އެވެ. ފިލްމު ރިލީޒްކުރިތާ ހަފްތާއެއް ވީއިރު ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.
މަގުބޫލުކަން އިތުރުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 27 އަހަރުގެ އަހާން ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދުވެސް ވަނީ މިލިއަނުން މައްޗަށް އަރާފަ އެވެ.
ޔަޝްރާޖް ފިލްމު އިން ޕްރޮޑިއުސްކޮށްފައިވާ ސައްޔާރާ އަކީ ދެ ޒުވާނުންގެ މެދުގައި އުފެދޭ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި އަހާން ޕާންޑޭ ކުޅެނީ ކްރިޝް ކަޕޫރު ނަމަކަށް ކިޔާ މިއުޒީޝަނެއްގެ ރޯލެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި ޗަންކީ ޕާންޑޭއަށް ބޮޑުބޭބެ ކިޔާ އަހާން ޕާންޑޭ ވަނީ ލިބެމުންދާ މަގުބޫލުކަމާއި ގުޅިގެން ފޭނުންނަށް އިސްޓަގްރާމް މެދުވެރިކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެ ޕޯސްޓާއެކު ވަނީ ފިލްމުގެ ބިހައިންޑް ދަ ސީން ބައެއް މަންޒަރު ހިއްސާކޮށްފަ އެވެ.