ކަސްރަތުކުރަން ފެށުމުން އޭގެ ފައިދާތައް ހަށިގަނޑަށް ކުރާނެކަން ގައިމެވެ. އެހެން ނަމަވެސް ކަސްރަތު ކުރަން ފެށުމުން އޭގެ ނޭދެވޭ އަސަރު ގައިގެ ހަންގަނޑަށް ވެސް ކުރެ އެވެ.

މީ ކިހިނެތްވާ ކަމެއް ހެއްޔެވެ؟ ކަސްރަތު ކުރަން ފެށުމާއި އެކީ ބައެއް މީހުންގެ މޫނުން ބިހިނަގާން މި ދިމާވަނީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟

ކަސްރަތު ކުރުމުން ހަންގަނޑަށް ވެސް ހަގީގަތުގައި ފައިދާކުރެ އެވެ. ހަމުގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކަސްރަތު ނިންމާލުމަށް ފަހު މޫނުގައި ހުންނަ "ގްލޯ" ނުވަތަ ވިދުމަކީ ހަމައެކަނި ދަލުގެ ސަބަބުން ހުންނަ ވިދުމެއް ނޫނެވެ. އެއީ ކަސްރަތު ކުރުމުގެ ސަބަބުން މޫނުގެ ލޭ ދައުރުވުން ރަނގަޅު ވެފައިވާ ކަމުގެ ނިޝާނެކެވެ.

މީގެ އިތުރުން ކަސްރަތު ކުރުމުގެ ސަބަބުން ގައިގެ ހަންގަނޑު އޮމާންވެ ކުލަ އަލިވެ އެވެ. ކަން މިހެން އޮތްއިރު ވެސް ކަސްރަތު ކުރަން ފެށުމުން މޫނުގައި ބިހި ނަގަން ފަށަ އެވެ.

ކަސްރަތު ކުރާ އިރު ހަށިގަނޑުގައި އުފެދޭ ހޫނު ބޭރުކޮށް ދިނުމަށް ދާހިއްލުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ހަށިގަނޑު މާބޮޑަށް ހޫނުވުމުން ގިނައިން ދާހިއްލާ، އޭގެ ސަބަބުން ބައެއް ހަމުގެ މައްސަލަތައް އިތުރަށް ގޯސްވެ އެވެ.

ދާހިއްލާ އިރު މޫނުގައި ހުންނަ ވަޅުތަކުގައި ހުންނަ ޑެޑް ސެލްސްއާއި ހިރަފުސް އެ ދަލާއި އެކީ ބޭރުވެ އެވެ. އަދި އެ ހުރިގޮތަށް ހުރެ ދާ ހިކިއްޖެ ނަމަ ނަތީޖާއެއްގެ ގޮތުން މޫނުގައި ބިހި އަދި ވައިޓްހެޑްސް ފަދަ އެއްޗެހި ނަގަ އެވެ. މޫނު ތެޔޮވާ މީހުންނަށް މި މައްސަލަ މާބޮޑަށް ދިމާވާނެ އެވެ.

ކަސްރަތު ކުރުމުން މޫނުގައި ބިހި ނަގަން ބޭނުން ނުވާނަމަ ކަސްރަތު ކުރަން ފެށުމުގެ ކުރިން މޫނު ދޮންނަންވާނެ އެވެ. އަނި ކަސްރަތު ކޮށް ނިންމާފައި ވެސް މޫނު ދޮވުމަކީ މުހިއްމު ކަމެކެވެ. އެންމެ ކުޑަ މިނުން ކަސްރަތު ނިންމާފައި ކުޑަކޮށް ހޫނުކޮށް ހުންނަ ފެނުން މޫނު ދޮވެލަން ވާނެ އެވެ.