ރާއްޖޭގައި މި ދުވަސްވަރު ކޮވިޑް-19 ހާލަތު އިތުރަށް ގޯސްވެފައިވާތީ އެކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޮވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އަދި މީގެ އިތުރުން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މެންބަރުން މަޝްވަރާކުރެއްވި އެވެ.