ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އަދާލަތު ޕާޓީން ތާއިދު ކުރާ ކެނޑިޑޭޓުގެ ނަން ފަހުން ހާމަ ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެޕާޓީގެ ސްޕޯކްސްމަން އަލީ ނަޒީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެޕާޓީން ކެނޑިޑޭޓަކު ނެރެފައި ނުވި ނަމަވެސް އެ ދާއިރާއަކީ އެޕާޓީގެ މެމްބަރުން އެކަށީގެންވާ އަދަދަކަށް ތިބި ދާއިރާއެއް ކަމަށެވެ.

އެހެން ކަމުން ބައި އިލެކްޝަންގައި އޭޕީއިން ތާއީދު ކުރާ ކެންޑިޑޭޓް ކުރިއަށް އޮތް ހަފްތާގައި ނިންމާ އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބުގައި ކުރިމަތި ލައްވާފައިވަނީ ތިން ކެނޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާން އިދުރީސް އެވެ.

އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމުން ވެސް މި ބައި އިލެކްޝަންގައި ކެންޑިޑޭޓަކު ނެރެފައެއް ނުވެ އެވެ.