ރާއްޖެއަށް ދިމާވާ ބޮޑެތި ހުރިހާކަމެއްގައި އެހީވާ ގައުމަކީ އިންޑިއާ ކަމަށާއި ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ވަކި ޕާޓީއަކާ ނުވަތަ ވަކި ވެރިކަމަކާ ނުވަތަ ވަކި ބޭފުޅަކާ ގުޅިފައި އޮތް އެއްޗެއް ނޫން ކަމަށް އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި އިދިކޮޅުން ފަށާފައިވާ އިންޑިއާ އައުޓް ކެމްޕެއިންއާ ގުޅޭގޮތުން ޝާހިދު ވިދާޅުވެފައިވަނީ ރާއްޖެއިން ވަކި ގައުމަކާ ދިމާކޮށްލުމަކީ ދިވެހީންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ.

"ދަންނަވަން މި އުޅެނީ ދިމާވާ ހުރިހާ ބޮޑު ކަމެއްގައި އެހީތެރިވަމުން ދިޔަ ގައުމެކޭ އިންޑިއާއަކީ. އަދި މިގޮތަށް އެހީތެރިވަމުން ދިޔަ ތާރީހަށް ބަލާލާ އިރު ރާއްޖޭގައި ވަކި ބޭފުޅަކު ވެރިކަމުގައި ހުންނަވައިގެންނެއް ނޫން އެހީތެރިވެދިނީކީ. އެކިއެކި ކާރިސާތަކުގަ ރާއްޖޭގެ ވެރިކަމުގަ އެކި ބޭފުޅުން ތިއްބެވީ،" ޝާހިދު ވިދާޅުވި އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ރާއްޖޭގެ ހިތްވަރުގަދަ ސިފައިންގެ ޖިހާދުގައި އިންޑިއާ ސިފައިން ވެސް ބައިވެރިވެ ރާއްޖޭގެ މިނިވަންކަން ދިފާއުކޮށްދިންކަމަށް ޝާހިދު ވިދާޅުވި އެވެ. މީގެ އިތުރުން 2004ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރުގެ ފެނުގެ ކާރިސާގައި ވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިޕެންޑެމިކްގެ ތެރޭގައި މުޅި ދުނިޔެ ބަންދުވެފައި އޮއްވަ، އަޅުގަނޑުމެންނަށް ބޭހާ ކާބޯތަކެއްޗާ އަދި ނުވިތާކަށް ފައިސާގެ އެހީއާ ދެމުން ގެންދިޔައީ އިންޑިއާއިން" އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ގައުމެއްގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި އޮންނަން ޖެހޭނީ އެގައުމެއްގެ އެންމެ މަތީ ގައުމީ މަސްލަހަތު ހިމާޔަތްކުރުން ކަމަށާއި ކޮންމެ ގައުމެއްގެ ވެސް އެންމެ މަތީ މަސްލަހަތަކީ އެގައުމެއްގެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތަށް އަމަލުކުރުން ކަމަށެވެ. އަދި ވިދާޅުވީ ދިވެހިރާއްޖެއަކީ މައިގަނޑު އިގްތިޞާދު މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއްކަމަށް ވީހިނދު، މަސްކޮޅު ވިއްކަން ޖެހޭނީ އަދި ފަތުރުވެރިން ވެސް ގެންނަން ޖެހޭނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެހެންކަމުން ބޭރު ގައުމަކާއި ދިމާކޮށްލައިގެން، އަދި "ރަތް މަހަކަށް ނުބަވާ ވަރަށް" ހުތުރު ބަސް ބުނުމަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ނޫންކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.