ބަޣްދާދު (14 ޖެނުއަރީ) - އިރާގުގެ ވެރިރަށް ބަޣްދާދުގެ ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް ހަތަރު ރޮކެޓް ހަމަލާ ދީފި ކަމަށް އެގައުމުގެ ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މި ހަމަލާތަކުގެ ތެރެއިން ތިން ހަމަލާ އެމްބަސީގެ ސަރަހައްދަށް އަމާޒުވި އިރު ހަތަރުވަނަ ރޮކެޓު އަމާޒުވެފައި ވަނީ އެ ސަރަހައްދުގައި ހުންނަ ސްކޫލަކަށެވެ.

އިރާގުގައި އެމެރިކާގެ އެމްބަސީ ހުންނަ ބަޣްދާދުގެ ގްރީން ޒޯނަކީ ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ދިރިއުޅުއްވާ ސެކިއުރިޓީ ލެވަލް އެންމެ މަތިކޮށްފައިވާ ސަރަހައްދެކެވެ.

އެގައުމުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާތައް އައިސްފައިވަނީ ބަޣްދާދުގެ ޑޯރާ އެވެ ކިޔުނު ސަރަހައްދުން ކަމަށާއި މި ހަމަލާތަކުގައި ދެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަމަލާ ދިން ވަގުތު އެމްބަސީގެ ޑިފެންސް ސިސްޓަމް އޮޕަރޭޓް ކުރި އަޑު އިވުނު ކަމަށެވެ. މި ސިސްޓަމަކީ އެ އިމާރާތަށް އަމާޒުވާ މިފަދަ ހަމަލާތައް ހުއްޓުވުމަށް ފަރުމާ ކޮށްފައިވާ ސިސްޓަމެކެވެ.

މިފަހަކަށް އައިސް އެމެރިކާއާ ދެކޮޅަށް އިރާގުގައި ދެމުންދާ ހަމަލާތައް އިތުރުވެފައިވާއިރު އީރާނަށް ވާގިވެރިވާ އެ ގައުމުގެ ޖަމާއަތްތަކުން ވަނީ އީރާނުގެ ގުދުސް ފޯސްގެ ކުރީގެ ވެރިޔާ ގާސިމް ސުލައިމާނީ ގަތުލު ކޮށްލުމުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެ ކަމަށް ވައުދުވެފަ އެވެ.

އެމެރިކާގެ އޮފިޝަލުން ވެސް ކުރިއަށް އޮތް ތަނުގައި އެގައުމާ ދެކޮޅަށް އިރާގުގައި ދެެމުން އަންނަ ހަމަލާތައް އިތުރުވެދާނެ ކަމަށް ލަފާ ކޮށްފަ އެވެ. -- އަލް އަރަބިއްޔާ