ލަންޑަން (14 ޖެނުއަރީ) - އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ދެވަނަ ދަރިކަލުން ޑޫކް އޮފް ޔޯކް، ޕްރިންސް އެންޑްރޫ އޭނާގެ ޝާހީ ހުރިހާ ޒިންމާތައް ދޫކޮށްލައްވައިފި އެވެ.

ޕްރިންސް އެންޑްރޫ އޭނާގެ ޝާހީ ޒިންމާތައް ދޫކޮށްލައްވާފައި މިވަނީ އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށައެޅި އާއްމު ސިވިލް ކޯޓެއްގައި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށެވެ.

މި މައްސަލަ ކޯޓުން ބޭރު ކުރުމަށް ޕްރިންސް އެންޑްރޫގެ ގާނޫނީ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

"ރާނީ އެލިޒަބަތުގެ ފުރިހަމަ ރުހުމާއި އެއްބާރުލުމާއެކު ޕްރިންސް އެންޑްރިއު ވަނީ އެމަނިކުފާނުގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ހުރިހާ ޒިންމާތަކެއް ރާނީއާ ހަވާލު ކުރައްވާފައި،" ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނެއްގައިވެ އެވެ.

ޝާހީ ޒިންމާތައް ދޫކޮށްލެއްވި ނަމަވެސް ޕްރިންސް އެންޑްރޫ އޭނާގެ އާއްމު ޒިންމާތައް އަދާ ކުރައްވާނެ ކަމަށާއި އޭނާއާ ދެކޮޅަށް ކުރިއަށްދާ މައްސަލައަށް އާއްމު ރައްޔިތެއްގެ ގޮތުގައި ޖަވާބުދާރީ ވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޕްރިންސް އެންޑްރޫއާ ދެކޮޅަށް ހުށައެޅިފައިވާ މައްސަލަ ބޭރުކުރުމަށް ވަކީލުން ހުށައެޅި ހުށައެޅުމާ ދެކޮޅު ހައްދަވައި މައްސަލަ ބެލި ގާޒީ ވަނީ ދައުވާ ކުރާ ފަރާތުން ޕްރިންސް އެންޑްރޫއަށް ކުރާ ހުރިހާ ދައުވާތަކެއް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އުމުރުން 61 އަހަރުގެ ޕްރިންސް އެންޑްރޫ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.

މި މައްސަލައާ ގުޅިގެން ޕްރިންސް އެންޑްރޫ ޝާހީ ޒިންމާތައް ދޫކޮށްލައްވާފައިވާއިރު، މިކަމާ ގުޅޭ ގާނޫނީ ކަންކަމާ ބެހޭ ގޮތުން އެއްވެސް ތަފްސީލެއް ދިނުމަށް ބަކިންހަމް ޕެލަސްއިން ވަނީ ދެކޮޅު ހަދާފަ އެވެ.

2020 ވަނަ އަހަރުގެ ކުރީ ކޮޅު ރާނީ އެލިބަޒަތުގެ މާމަ ދަރިކަލުން ޕްރިންސް ހެރީ ވެސް ވަނީ އޭނާގެ އެންމެހާ ޝާހީ ޒިންމާތަކެއް ދޫކޮށްލައްވައި އަނބިކަނބަލުން މޭގަން މާކަލްއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރައްވާފަ އެވެ.-- އަލް އަރަބިއްޔާ