ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް ފޯކައިދޫއަށް ވަޑައިގެންފި އެވެ،

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި ފޯކައިދޫއަށްފަހު އެ ދާއިރާގެ މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށްފަހު ކޮމަންޑޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، މިވަގުތުވެސް އެދާއިރާގެ ރަށްތަކުގައި ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ މެމްބަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިއިންތިޚާބުގައި އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން އިއްޔެ ވަނީ ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފަ އެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައިވާއިރު އެދާއިރާގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް އިއުލާނުކުރައްވާފައިވެ އެވެ.

މީގެއިތުރުން އިއްޔެ ވަނީ ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއާއި ކޮމަންޑޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް ނާއިބު ރައީސް ކޮމަންޑޫއަށް ވަޑައިގެންފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިންވެސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތަޢީދުކުރުމަށް ނިންމާފަ އެވެ. ނާއިބު ރައީސްއަކީވެސް ޖޭޕީގެ ބޭފުޅެކެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.