އެމްޑީޕީއަށް ކުރިއަށް އޮތް ފަސް އަހަރުގެ ވެރިކަން ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް. ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފަސް ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ ދެ ވަނަ ސެޝަންގަައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ނަޝީދު "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ގާއިމްވެފައި އޮތް ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި އެމްޑީޕީން ވެރިކަން ކުރުން މުހިންމު ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އަބަދު ވެސް ގެންގުޅުއްވާ ކަމަށާއި އެކަން ބަދަލު ނުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް އިސްކަންދޭ ކަމަކީ އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން ކަމަށާއި ކޮންމެ ކެންޑިޑޭޓެއް ވާދަކުރަން ޖެހުނު ނަމަވެސް އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން (ރައީސް ސޯލިހު) އާއި ދެ މީހުންގެ ތެރޭގައި އެކަކު އަނެކަކާ ކުރިމަތިލާތަނެއް. އަޅުގަނޑަށް ހީއެއް ނުވޭ އެއީ އެމަނިކުފާނު ވެސް އެދޭނެ ކަމެއް ކަމަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމު ގެނައުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ވިދާލުވީ ރިޔާސީ ނިޒާމުގައި ގިނިކަންޏާ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެ ކަމުގެ ސަބަބުން ކޯލިޝަން ހަދަން މަޖުުބޫރުވާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ކުދި ޕާޓީތަކަކީ "ހަރުކަށި ވިސްނުން" ހުންނަ ސިޔާސީ މީހުންގެ ޕާޓީތަކުގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.