އަބޫދާބީ (22 ޖެނުއަރީ) - ޔަމަނުގެ ހޫތީން ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ދިން ހަމަލާއަށްފަހު އެގައުމުގެ ހުރިހާ ސަރަހައްދެއްގައި ޑްރޯން ދުއްވުން މަނާކޮށްފި އެވެ.

މިނިސްޓްރީ އޮފް އިންޓީރިއާއިން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ޖެނުއަރީ މަހުގެ 22ގެ ފަހުން އެ ގައުމުގެ ވައިގެ ސަރަހައްދުގައި އެއްވެސް ޑްރޯންއެއް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. މީގެ ތެރޭގައި ކުޅިވަރުގެ ބޭނުމުގައި އޮޕްރޭޓް ކުރާ ޑްރޯންތަކާއި އަމިއްލަ ފަރުދުންގެ ޑްރޯންތައް ވެސް ހިމެނެ އެވެ.

މި ނިންމުމަކީ ފަހަކަށް އައިސް ޑްރޯން ދުއްވަން ދީފައިވާ ހުއްދައާ ނުލާ މަނާ ކުރެވިފައިވާ ސަރަހައްދުތަކުގައި ވެސް ޑްރޯން އޮޕަރޭޓް ކުރާކަން ފާހަގަ ކުރެވިފައިވާތީ ނިންމި ނިންމުމެއް ކަމަށް ބަޔާނުގައި ބުނެފައިވީ ނަމަވެސް މިއީ ސަލާމަތީ ސަބަބުތަކަށްޓަކައި ނިންމި ނިންމުމެއް ކަމަށް ބެލެވެ އެވެ.

ވިޔަފާރި ބޭނުންތަކުގައާއި ފޮޓޯގްރަފީ އަދި ސިނޮމެޓޮގްރަފީ ބޭނުން ތަކުގައި ޑްރޯން ކެމެރާ އޮޕަރޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ހުއްދައަކަށް އެދިގެން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މި އާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް މިނިސްޓްރީ އޮފް އިންޓީރިއާއިން ބުނެ އެވެ.

އަބޫދާބީގެ ކާރުބާރު ބޮޑު ހިސާބަކަށް މިދިޔަ ހޯމަ ދުވަހު ދިން ޑްރޯން ހަމަލާގައި ތިން މީހަކު މަރުވެ އިތުރު ނުވަ މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. -- އަލް އަރަބިއްޔާ