ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު އޮތް ރައީސް ޔާމީންގެ ދެ މައްސަލައަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލަ އާއި، ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގެ މައްސަލަ އެކެވެ.

ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ މާދަމާގެ ޝެޑިއުލްގައި ބުނާ ގޮތުން ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން ފެށުމަށް ހަމަ ޖެހިފައި ވަނީ ހެނދުނު 9:30 ގަ އެވެ. މާދަމާގެ އަޑުއެހުމުގައި އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމެވެ.

ރައީސް ޔާމީންގެ ޝަރީއަތް މާދަމާ ބާއްވާއިރު، ކޮވިޑްގެ ހާލަތު ގޯސްވުމުން ކަމަށް ބުނެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތް މިހާލަތުގައި ކުރިއަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތް ލައިވް ކޮށްދިނުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ އެދިފަ އެވެ.

މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް އުފުލި އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.