ވޮޝިންޓަން (28 ޖެނުއަރީ) - ޔޫއޭއީއަށް ދަތުރުކުރުން މިވަގުތަށް ހުއްޓާލުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.

ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ހޫތީންގެ ދެ ހަމަލާއެއް މިދިޔަ ހަފްތާގައި އަމާޒުވެފައިވާއިރު އިތުރު ހަމަލާތަކެއް އަތުވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

"ޔޫއޭއީއަށް ދަތުރު ކުރުން މެދުކަނޑާލަންވީ ކޮވިޑްގެ ބިރުންނެއް ނޫން. ޑްރޯން އަދި މިސައިލް ހަމަލާތަކެއް އަތުވެދާނެތީ،" ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމެރިކާގެ މި ބަޔާނާ ގުޅިގެން ޔޫއޭއީގެ އޮފިޝަލަކު ވަނީ ހޫތީންގެ ހަމަލާތަކަކީ އެ ގައުމުގެ އާއްމު ހާލަތަަކަށްވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

"މި ގައުމަކީ މިހާތަނަށް ވެސް މި ސަރަހައްދުގައި އޮތް އެންމެ ރައްކާތެރި އެއް ގައުމު. އެކަން އޮންނާނީ އެ ގޮތުގައި،" އޮފިޝަލު ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އަބޫދާބީއަށް ދިން ހަމަލާގައި ތިން މީހަކު މަރުވެ ނުވަ މީހަކަށް އަނިޔާ ވެފައިވާއިރު، އޭގެ އެއް ހަފްތާ ފަހުން ޖެނުއަރީ 24 ވަނަ ދުވަހު އަމާޒުވި މިސައިލް ހަމަލާތަކެއް ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވާފަ އެވެ.

ޔޫއޭއީގެ ދުބާއީއަކީ އެ ސަރަހައްދުގެ ވިޔަފާރީގެ މައި މަރުކަޒަކަށްވުމާއެކު ދުބާއީއަށް ވެސް ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ޔޫއޭއީއިން ވަނީ މި ހަމަލާތަކާއެކު އެ ގައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެ އެ ކަމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. -- އަލް އަރަބިއްޔާ