ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުން ހަލުއިކުރަން އެމެރިކާއިން ރާއްޖެއަށް އިތުރު 210،600 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފި އެވެ.
އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަން އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ފައިޒާ ވެކްސިންގެ އިތުރު 210،600 ޑޯޒް ރާއްޖެއަށް ފޯރުކޮށްދީ، މި ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް އެމެރިކާއިން ރާއްޖެއަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެމެރިކާއިން ދޭ ކަމަށެވެ. އަދި ކޮވެކްސް، ޔުނިސެފް އަދި ދިވެހި ސަރުކާރާ ގުޅިގެން، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމާއި، މި ބަލިމަޑުކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ވަކިން ހާއްސަކޮށް އޭޝިއާ ސަރަހައްދުގައި އޮމިކްރޯ ވޭރިއެންޓް ފެތުރުން އިތުރުވަމުންދާ ދަނޑިވަޅުގައި އެމެރިކާއިން ސާބިތުވެ ދެމިހުންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި ބަލިމަޑުކަމުގެ ތިންވަނަ އަހަރު ވަންނަމުންދާއިރު، މި ވައިރަހާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގައި ދެމިތިބެން ޖެހޭ. އެމެރިކާއިން ދަނީ ރާއްޖެ ހިމެނޭ ގޮތަށް 120 އަށް ވުރެ ގިނަ ގައުމާއެކު ޕާޓްނާޝިޕްތައް ކުރިއަށް، ވެކްސިން ފޯރުކޮށްދީ، މި ބަލިމަޑުކަމުގެ ސަބަބުން ދިމާވާ އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރަމުން،" އެމެރިކާގެ އެމްބަސީ ޗާޖެ ޑި އެފެއާޒް މާޓިން ކެލީ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން އެންމެ ފުރަތަމަ މަސައްކަތް ކުރި އެއް ގައުމަކީ އެމެރިކާ އެވެ. މިހާތަނަށް އެމެރިކާއިން ވަނީ 440،000 އާ ގާތްކުރާ އަދަދަކަށް ފައިޒާގެ ވެކްސިން ފޯރުކޮށްދީ، އިމަޖެންސީ ސާމާނާއި، ތަމްރީނާއި، ނާޒުކު ޚިދުމަތްތަކަށް ހަތް މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެމެރިކާއިން ވަނީ ހެލްތު މިނިސްޓްރީއަށް 60 ވެންޓިލޭޓަރުގެ އިތުރުން އެއް ލައްކަ ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓެއްގެ އެހީ ދީފަ އެވެ. ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް އެމެރިކާއިން ދަނީ ހިންގަމުންނެވެ.