ވިއެނާ (29 ޖެނުއަރީ) - ވިއެނާގައި މިހާރު ކުރިއަށްދާ އީރާން ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް މެދުކަނޑާލައި ބައިވެރިން އެނބުރި ގައުމުތަކަށް ގޮސްފި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވާ ކޯޑިނޭޓަރު އެންރިކް މޯރާ ވިދާޅުވީ މިހާރު އާދެވިފައިވަނީ އެއްބަސްވުންތަކުގެ ނާޒުކު މަރުހަލާއަކަށް ކަމަށާއި ވަކި ވަކި ގައުމުތަކުގެ ސިޔާސީ ނިންމުންތައް ނިންމަން ޖެހިފައިވާ ކަމަށެވެ.

2015 ވަނަ އަހަރު އީރާން، އެމެރިކާ، ޖަރުމަނު، ފްރާންސް، ޗައިނާ، އިނގިރޭސި ވިލާތް އަދި ރަޝިއާގެ މެދުގައި ވެވުނު ނިއުކްލިއާ އެއްބަސްވުމަކީ ދެންނެވުނު ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމުގެ ބަދަލުގައި އީރާނުގެ ނިއުކްލިއާ ހަރަކާތްތައް މަޑުޖައްސާލުމަށް ވެވުނު އެއްބަސްވުމެކެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި މި އެއްބަސްވުމާ އެމެރިކާއިން ހިލާފުވެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމާއެކު އީރާނުން ވެސް ވަނީ އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް ފުޅާކޮށްފަ އެވެ.

އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ނިމުމަކަށް އަންނަން ގާތްވެފައި ވާއިރު ފްރާންސްއާއި ޖަރުމަނު އަދި އިނގިރޭސި ވިލާތް ގުޅިގެން އުފައްދާފައިވާ އީ 3 އިން ބުނީ މަޝްވަރާތައް ނާޒުކު ފައްތަރެއްގައި އޮތްއިރު އުއްމީދުތައް ފޮނި ކަމަށެވެ.

އެމެރިކާއިން މިހާތަނަށް މަޝްވަރާތަކުގައި ބައިވެރިވަމުން އައީ ނުސީދާކޮށް ނަމަވެސް އީރާނުން ވަނީ ފުރަތަމަ ފަހަރަށް އެމެރިކާއާއެކު ސީދާ މަޝްވަރާތައް ކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

މަޝްވަރާތަކުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށް އޮތް އިރު މީގެ ދެ ހަފްތާ ފަހުން މަޝްވަރާތައް އަލުން ފެށޭއިރު ދެން އޮންނާނީ ވަކި ވަކި ގައުމުތަކުގެ ނިންމުންތައް އިއްވުމެވެ.-- އަލް އަރަބިއްޔާ