އޯވަލޯޑް ވުމުގެ ސަބަބުން ހެލްތު މިނިސްޓްރީ ހިމެނޭ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ، އޯވަލޯޑް ވުމުގެ ސަބަބުން ހެލްތު މިނިސްޓްރީ ހިމެނޭ ސަރަހައްދުގެ ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، ކުރިޔަށްއޮތް ބައި ގަޑި އިރުތެރޭ އެ ސަރަހައްދަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.

މާލެ ސަރަހައްދުގެ ކަރަންޓް މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސްޜެކްކޯއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިހާރު މިމަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފަ އެވެ.

ފަހަކަށް އައިސް މާލޭގެ އެކި ހިސާބު ތަކުން ކަރަންޓު ކެނޑުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. ހުސްވި ހަފްތާގެ ހުކުރު ދުވަހު ވެސް މާލެއިން ވަނީ ކަރަންޓް ކެނޑިފަ އެވެ.