ރާއްޖޭގެ ސުޕްރީމް ކޯޓު ރިސެސްގެ މުއްދަތު ނިންމުމަށްފަހު މާދަމާ އަލުން ކޯޓުގެ ޝަރީއަތްތައް ފެށުމަށް ތާވަލުކޮށްފި އެވެ.
ކޯޓްތަކުގެ ޤާނޫނުގެ 7ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، މިހާތަނަށް ސުޕްރީމް ކޯޓު އޮތީ ރިސެސްގަ އެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުފާނުގެ ހުކުމަށްފަހު އެވެ.
ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ ވަގުތުގައި ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި މެނުވީ ސުޕްރީމް ކޯޓްގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާނެ އެވެ.
ރިސެސްއަށްފަހު މާދަމާ ސުޕްރީމް ކޯޓުގެ ފުރަތަމަ އަޑުއެހުމަކަށްވެސް ތާވަލްކޮށްފައިވަނީ ގަސްތުގައި މީހަކު މަރާލި މައްސަލައިގައި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެކެވެ. މިމައްސަލައަކީ 2012 އަހަރުގެ ތެރޭގައި މާލޭގައި ވަޅިން ހަމަލާދީ ބިދޭސީއަކު މަރާލި މައްސަލާގައި ހުކުމްކޮށްފައިވާ ބިދޭސީ މީހާގެ ފަރާތުން އިސްތިއުނާފްކޮށްފައިވާ މައްސަލަ އެވެ.
ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ހުށަހެޅުނު ގިނަ މައްސަލަތަކެއް ނިންމާފަ އެވެ. އަދި ފާއިތުވެދިޔަ އަހަރަކީ ސުޕްރީމް ކޯޓުން އެންމެ ގިނަ އަދަދަކަށް މައްސަލަތައް ނިންމި އެއް އަހަރެވެ.