ވޮޝިންޓަން (30 ޖެނުއަރީ) - އެމެރިކާގައި 2024 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ވެއްޖެ ނަމަ، ޖެނުއަރީ 6 ގެ ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް ދައުވާ ކުރެވުނު ކުށްވެރިންނަށް މައާފު ދޭނެ ކަމަށް އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ ޓެކްސަސްގައި ކުރިއަށް ދިޔަ އެއްވުމެއްގައި ވާހަކަ ދައްކަމުންނެވެ. ގައިދީން މިނިވަން ކޮށްދޭނެ ކަމަށް ބުނި މަވެސް 2024ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އާއްމުކޮށް އޭނާ އިއުލާން ކޮށްފައެއް ނުވެ އެވެ.
"ވެރިކަމަށް އިސްވެއްޖެ ނަމަ ކުރާނެ އަނެއް ކަމަކީ ޖެނުއަރީ 6ގައި ނާއިންސާފުން ކަންތައް ކުރެވުނު ރައްޔިތުންނަށް އިންސާފު ހޯދައިދިނުން. އެއީ މައާފު ދިނުން ކަމަށް ވާނަމަ އެކަންވެސް ކުރާނަން،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
2020 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަންއާ ވާދަކޮށް ޓްރަމްޕައަށް ނާކާމިޔާބުވުމުން އޭނާއަށް ސަޕޯޓު ކުރާ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ޖެހިގެން އައި އަހަރުގެ ޖެނުއަރީ މަހު 6 ވަނަ ދުވަހު އެގައުމުގެ މަޖިލިސް ކުރާ ގެ ޔޫއެސް ކެޕިޓޯލް ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގާފަ އެވެ.
މި ހަމަނުޖެހުންތައް ހިންގާފައިވަނީ މަޖިލީހުން ރައީސް ބައިޑަންގެ ކާމިޔާބީ ފާސްކުރިޔަ ނުދިނުމުގެ ގޮތުން ނަމަވެސް މަޖިލީހުން ވަނީ އެކަން ކޮށްފަ އެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުނު ހަތަރު ފުލުހަކު މަރުވި އިރު 140 އަށްވުރެ ގިނަ ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.
މި މައްސަލާގައި 700 އަށްވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތްތައް ކުރިއަށް ގެންދެވެމުން ދެ އެވެ. - އަލް އަރަބިއްޔާ