ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާއި ތުރުކީގެ ޑިޕްލޮމެސީ އެކަޑަމީ އާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން ޚާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ޚާރިޖީ ދާއިރާގެ ތަޢުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެ އެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ޚާރިޖިއްޔާގައި ޕްރޮފެޝަނަލް ޚިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އަލަށް އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނުގެ ދަށުން ފޮރިން ސާވިސް އިތުރަށް ހަރުދަނާކުރުމަށް ފޮރިން ސާވިސް އިންސްޓިޓިއުޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، ޒަމާނީ އަދި ހަރުދަނާ ފޮރިން ސާވިސްއެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.