ވޮޝިންޓަން (02 ފެބްރުއަރީ) - ޔަަމަނުގެ ހޫތީންގެ ފަރާތުން ޔޫއޭއީއަށް ކުރިމަތިވި ހަމަލާތަކަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އެހީ ވުމުގެ ގޮތުން އެމެރިކާއިން އެގައުމަށް އަސްކަރީ ހަތިޔާރު ފޮނުވަން ނިންމައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއޭއީއަށް ފޮނުވާ ހަތިޔާރު ތަކުގެ ތެރޭގައި މިސައިލް ހޯދައި ނައްތާލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރާއި އަސްކަރީ ބޯޓުފަހަރުގެ އިތުރުން ފައިޓާ ޖެޓުތައް ވެސް ހިމެނޭ ކަމަށެވެ.

މި ހަތިޔާރުތަކަކީ މިވަގުތު ޔޫއޭއީއަށް ކުރިމަތި ވެފައިވާ ނުރައްކަލުން އަރައިގަތުމަށް ވެވޭ އެހީއެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާއިން ޔޫއޭއީއަށް އަސްކަރީ އެހީ ފޮނުވާފައި މިވަނީ އެމެރިކާގެ ޑިފެންސް ސެކެޓްރަރީ ލޮއިޑް އޮސްޓިންއާއި ޔޫއޭއީގެ ވަލީ އަހްދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ދެމެދު ފޯނުން ކުރެވުނު މަޝްވަރާތަކަކަށްފަހު ކަމަަށް ޔޫއޭއީގައި ހުންނަ އެމެރިކާގެ އެމްބަސީއިން ބުނެ އެވެ.

އަރަބި ކޯލިޝަންގެ މެމްބަރެއްގެ ގޮތުން ޔޫއޭއީއިން ދިޔައީ ޔަމަނުގެ ހޫތީންގެ ހަރަކާތްތަކަށް ހުރަސް އަޅަމުންނެވެ. ނަތީޖާއެއްގެ ގޮތުން ތިން ހަފްތާ ތެރޭގައި ހޫތީން ވަނީ ޔޫއޭއީއަށް އަމާޒުކޮށް ތިން ފަހަރު މަތިން ހަމަލާ ދީފަ އެވެ.

އެމެރިކާއިން އިތުރަށް ބުނީ ޔޫއޭއީގެ އަސްކަރިއްޔާއާ ގުޅިގެން ސަރަހައްދީ ރައްކާތެރިކަން ޔަގީން ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. - އަލް އަރަބިއްޔާ