ގޭގެ ފާރުގައި ކުލަލުމަކީ ބުރަ މަސައްކަތެކެވެ. އެހެންނަމަވެސް ކުލަ ނުލާ ހުދު ފާރަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތެވެ. ރީތިކޮށް ކުލަ ލުމަކީ އެގެއެއްގެ ހައިބަތާއި، ފެންނަ ފެނުމާއި، އެހެންމީހުން ދެކޭގޮތް ބަދަލުކޮށްލުވާލާ ކަމެކެވެ.

ގޭގައި ނުވަތަ ކޮޓަރީގައި ކުލަލުމަކީ ހަރަދު ކުޑަކޮށް ގެ ރީތި ކޮށްލެވޭނެ ގޮތެވެ. އަދި ލާފައި ހުންނަ ކުލައަކުން މީހާގެ މޫޑް ބަދަލުކޮށްލެވިދާނެ އެވެ. އެހެންނަމަވެސް ކުލަ ލުމުގައި ބޭނުންކުރެވޭ އުކުޅުތަކަކީ އޭގެ ނަތީޖާ ފުރިހަމަ ވުމަށް ވަރަށް މުހިއްމު ކަމެކެވެ.

ގޭތެރޭގައި ކުލަ ލުމުގެކުރިން އެތަނެއް ހުސްކުރުމަކީ ބޭނުންތެރި ކަމެކެވެ. އެގޮތުން ބޮޑެތި ފަރުނީޗަރުތައް އެއްފަރާތަށް ޖެއްސުން ނުވަތަ އެތަނަކުން ބޭރުކުރުމުން ކުލަލާން ޖެހޭތަން ރަނގަޅަށް ފެންނާނެ އެވެ. އެއަށްފަހު ފާރު ރަނގަޅަށް ސާފުކޮށްލަން ޖެހޭނެ އެވެ. އޭގެ ސަބަބުން ހަޑިތަކާއި، ހިރަފުސްތަކުން ސާފުވާނެ އެވެ. އަދި ފާރުގައި ހުންނަ ލޯވަޅުތައް ބެއްދުމާއި، ކަންކަނުގައި ޓޭޕް އަޅަން ވެސް ޖެހޭނެ އެވެ. ހަމައެއާއި އެކު ބިންމަތީގައި ކަރުދާސް ކަހަލަ އެއްޗެއް އެޅުމުން ބިންގަނޑު ހަޑިވުމުގެ ފުރުސަތު ކުޑަވެ އެވެ.

ކުލަ އިހްތިޔާރު ކުރުމަކީ ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ސިކުނޑީގައި ހުންނަ ކުލަ ފާރުގައި ލުމުން ކޮޓަރީގެ އައްޔާއި އެކުލައާއި ގުޅޭނެ މިންވަރާމެދު ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ. އެހެންކަމުން ކުލަ ޓެސްޓް ކުރުމުގެ ގޮތުން ކުޑަތަންކޮޅެއްގައި އިޙްތިޔާރު ކުރާ ކުލަކޮޅެއް ލުމަށްފަހު ރޭގަނޑާއި ދުވާލުގެ އަލީގައި އެކުލައަށް އަންނަ ބަދަލު ދެނެގަތުން މުހިއްމެވެ.

ކުލަ ގަތުމުގެ ކުރިން ބޭނުންވާނެ ކުލައިގެ މިންވަރު އެނގުމަކީ އިސްރާފުނުކުރުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ކުލަ ވިއްކާ ގިނަ ތަންތަނުން ތަނުގެ ސައިޒާއި ކުލައިގެ ބާވަތަށް ބަލައި ބޭނުންވާނެ މިންވަރު އަންދާޒާކޮށް ބުނެދޭނެ އެވެ. އެހެންނަމަވެސް ތަނުގެ ރަނގަޅު މިންތަކާއި، ކުރިން ލާފައި ހުރި ކުލައާއި، މިހާރު ލާން ބޭނުންވާ ކުލައިގެ ވައްތަރު ރަނގަޅަށް އެނގެން ޖެހޭނެ އެވެ.

ގޭގައި ކުލަ ލާއިރު ބޭކާރު ހަރަދު ކުޑަކުރަން ޖެހެ އެވެ. އެގޮތުން ކުލަ ލާން ބޭނުންކުރާ އާލާތްތަކަކީ ކޮލިޓީ އެއްޗެއްސަށް ހަދަން ޖެހެ އެވެ. އާދައިގެ ފިހިގަނޑަކުން ކުލަ ލާނަމަ އިސްރާފުވެގެން ދާ ކުލައިގެ މިންވަރު ގިނަ ވެއެވެ. އަދި ފިހިގަނޑު އަވަހަށް ހަލާކުވެ އިތުރަށް ހަރަދު ކުރަން ޖެހެ އެވެ.

ކުލަ ލުމުގެ ކުރިން މިފަދަ ކުދި ކުދި ކަންތައްތަކާއި މެދު ވިސްނާލަން ޖެހެ އެވެ. ދެން ގޭގައި ކުލަ ލާން ވިސްނާނަމަ މިކަންކަމަށް ސަމާލު ވާށެވެ.