މާލޭ ސިޓީ ކައުންސިލުން ކޮންޓްރެކްޓް ހަވަމާ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އާ ނުކުރުމުން މޭޔަރު އާދަމް އާޒިމަށް އިންޒާރުގެ މެސެޖްތަކެއް ފޮނުވަން ފަށައިފި އެވެ.

މާލޭގެ ކައުންސިލަރަކު ވިދާޅުވީ ކޮންޓްރެކްޓް އާ ނުކުރަން ނިންމާފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އެ ކައުންސިލުން ވަޒީފާ ދޯފައިވާ ބަޔަކަށް ކަމަށެވެ.

އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ޖަލްސާ ނިންމަވާލައްވަމުން މޭޔަރު އާޒިމް ވިދާޅުވީ، ގޮތް ނޭނގޭ ނަންބަރުތަކުން އޭނާއަށް މެސެޖްތަކެއް ލިބެމުން އަންނަ ކަމަށެވެ.

މޭޔަރު ވިދާޅުވީ އެ މެސެޖްތައް ލިބެން ފެށީ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމަން ފެށުމުން ކަމަށެވެ. ކައުންސިލްގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭ އަދި އޮފީހަށް ހާޒިރުނުވާ މުވައްޒަފުން ގިނަ އަދަދަކަށް އެބަތިބި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ހާޒިރީން އެބަހުރި ފާހަގަވާން ނާންނަކަން. ބައެއް ބޭފުުޅުން 20 ޕަސެންޓް. އަނެއްބައި 40 ޕަސެންޓް. ބައިވަރު މުވައްޒަފުން އެބަތިބި. އައިއްސަ ކާޑު ޖަހާފަ ދާ މުވައްޒަފުން އެބަތިބި. އެއީ މިތާ ވެރިންތޯ އާދައިގެ މުވައްޒަފުންތޯ [ބަލާކަށް ނުޖެހޭ]. އަޅުގަނޑުމެންނަށް މުހިންމުވާނީ ތަނުގެ މަސްލަހަތު. ތަން ހަރުދަނާ ކުރުން،" މޭޔަރު ވިދާޅުވި އެވެ.

ކައުންސިލަށް ހިދުމަތް ނުދޭ މުވައްޒަފުން އެތަނުގައި ތިބެގެން ނުވާނެ ކަމަށާއި، އެފަދަ ފަރާތްތަކުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ލަސްވެ، ހިދުމަތުގެ ފެންވަރު ދަށްވަމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭނާގެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލް ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެދުން ކަމަށް މޭޔަރު ވިދާޅުވި އެވެ. އެކަން ހާސިލްކުރުމަށްޓަކައި، ގާބިލު އަދި އަހުލާގު ރަނގަޅު މުވައްޒަފުން ތިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންގެ އުންމީދަކީ މާލެ ސިޓީ ކައުންސިލަކީ އެންމެ ހަރުދަނާ އަދި ނަމޫނާ ކައުންސިލަކަށް ވުން ކަމަށް އާޒިމް ވިދާޅުވި އެވެ.