ސައިންސްވެރިން ބުނާ ގޮތުގައި ހެނދުނު ހޭލައިގެން ފެންވެރުމަށްވުރެ ރަނގަޅު ގޮތަކީ ރޭގަނޑު ނިދުމުގެ ކުރިން ފެންވެރުމެވެ. އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބެ އެވެ. އޭގެ ތެރޭގައި އަރާމުކޮށް ހަމަ ނިދި ލިބުމާއި ޖެހިގެން އޮންނަ ދުވަހު ތާޒާކަން މަތީގައި ހުރުން ހިމެނެ އެވެ.
ރޭގަނޑު 8 ވަރަކަށް ގަޑި އިރު އަރާމު ކޮށްލާއިރު އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ނިދުމުގެ ކުރިން ފެންވަރާ ތާޒާވެލުން މުހިއްމެވެ. ސިއްޙީ މާހިރުން ދެކޭ ގޮތުގައި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކުދި ކުދި ރަނގަޅު އާދަތައް ދަމަހައްޓަން ޖެހެ އެވެ. އެގޮތުން ނިދުމުގެ ކުރިން ފެންވެރުމާއި ދަތް އުގުޅުމާއި، ކަސްރަތު ކުރުމަކީ ވަރަށް އާދައިގެ އެހެން ނަމަވެސް އެތައް ގިނަ ފައިދާތަކެއް ލިބިގެންދާ ކަންކަމެވެ. ހަށިގަނޑު މިފަދަ ކަންކަމަށް ހޭނުމުގެ ސަބަބުން ސާފުތާހިރު ވުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ފައިދާ ކުރެ އެވެ.
ހަމުގެ ޑޮކްޓަރުން ބުނާ ގޮތުގައި ބޮލުގައި ހުންނަ ތެލާއި ގައިގައި ހުންނަ އޮތް ދަލާއި އެކު ނިދާ އެނދަށް އެރުމަކީ އެތައް ގިނަގުނަ ބަލިތަކަށް މަގުފަހިވެގެން ދާނެ ކަމެކެވެ. މިގޮތަށް ނިދުމުގެ ސަބަބުން ގައިގެ ހަންގަނޑުގައި ރަތް ބިހި ނަގައި ހަންގަނޑަށް ތަފާތު ބަލިތަކެއް ޖެހެ އެވެ. މީގެ އިތުރުން އެލާޖިކް ތަކަށް ވެސް ހަށިގަނޑު ހުޅުވިގެންދެ އެވެ. އެގޮތުން ބޭރުގައި އުޅުމަށްފަހު ލައިގެން އުޅޭ ހެދުމާއި އެކު ނިދަން އޮށޯތުމުން ހެދުމުގައި ހުންނަ ޖަރާސީމުތައް ހަށިގަނޑާއި، އެނދުގެ ބެޑުޝީޓްތަކަށް އަރަ އެވެ. މީގެ ސަބަބުން ދުޅަހެޔޮ ސިއްޙަތަށް ކުރާ މަސައްކަތަށް އިތުރު ބުރައެއް ކުރިމަތިވެ އެވެ.
ސައިންސްގެ ހޯދުންތަކަށް ބަލާއިރު ހޫނުގެ ސަބަބުން ހަށިގަނޑުގެ ވަރުބަލިކަމާއި، ހާސްކަން ފިލުވައިދެ އެވެ. އަދި އޭގެ ސަބަބުން ހަށިގަނޑު އިތުރަށް ތާޒާކޮށް އަރާމު ލިއްބައިދެ އެވެ. އެހެންކަމުން ދުވަސް ނިއްމާލަމުން ހަށިގަނޑަށް އަރާމު ހޯދައި ދިނުމަށް ރޭގަނޑު ނިދުމުގެ ކުރިން ހޫނު ފެނުން ފެންވަރާލުން ވަރަށް މުހިއްމެވެ.
ހަށިގަނޑުގައި އުފެދޭ ހޯމޯންސް ތައް ވެސް އަވަސްއަވަހަށް އުފެދެނީ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. އަދި ހޯމޯންސްތައް އެންމެ ހަރަކާތްތެރިވަނީ ރޭގަނޑު ގަޑީގައެވެ. އެހެންކަމުން ރޭގަނޑު ހަށިގަނޑަށް އަރާމު ދިނުމާއި ހަންގަނޑުގައި ހުންނަ ބޭކާރު ނަޖިސްތައް ފިލުވާލައި ހޯމޯންސްތަކުގެ މަސައްކަތަށް އިތުރު ހިތްވަރެއް ދިނުމަށްޓަކައި ފެންވެރުން މުހިއްމެވެ.
ބޮލަކީ ވަރަށް ގިނަ ޖަރާސީމުތައް އުޅޭތަނެކެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ވަންދެން ބޯ ނުދޮވެ ނިދާ ނަމަ ޖަރާސީމުތަކުގެ ސަބަބުން މޫނާއި ހަށިގަނޑުގެ އެހެން ބައިތަކަށް ހަމުގެ ބަލިތައް ޖެހުން ވަރަށް ގާތެވެ.
ނިދުމަކީ އިންސާގެ ހަށިގަނޑަށް އެންމެ ބޭނުންތެރި އެއްކަމެވެ. އެހެންކަމުން ނިދާއިރު ވީހާވެސް ބޮޑަށް ހަށިގަނޑަށް އަރާމު ލިބޭގޮތަކަށް ނިދުމަކީ ބޭނުންތެރިކަމެކެވެ. އެގޮތުން އަރާމު ނިންޖެއް ބޭނުންނަމަ ނިދުމުގެ ކުރިން ފެންވެރުން ވަރަށް މުހިއްމެވެ.