އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ވެބްސައިޓުގެ މައްސަލައަކުން، އެ ހޮސްޕިޓަލަށް ދެއްކި ގިނަ އަދަދެއްގެ ބަލި މީހުންގެ ރެކޯޑުތައް ލީކުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން ފާއިތުވި ދެ އަހަރު ހިދުމަތް ހޯދައިފައިވާ ގިނަ ބައެއްގެ ފަރާތްތަކުގެ ޒާތީ މައުލޫމާތެއް ބޭނުން މީހަކަށް ބަލާލެވެން އެބަ ހުއްޓެވެ.

މިގޮތުން އެ ހޮސްޕިޓަލުން ހެއްދި ޓެސްޓުތަކާއި ނަގާފައިވާ ބޭސްތަކާއި ލެބް ޓެސްޓް ރިޕޯޓުތަކާއި އެފަދަ އެތައް މައުލޫމާތެއް ބަލާލެވެ އެވެ.

އެ މައުލޫމާތުތައް ލީކުވިއިރު ބައެއް އައިޓީ ޓެކްނީޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމުގެ މެޑިކަލް ރެކޯޑުތައް ވެސް ހިއްސާކޮށްފަ އެވެ.

މި މައްސަލަ ހައްލުކުރުމަށް އައިޖީއެމްއެޗުން އެއްވެސް މަސައްކަތެއް ކުރަމުން އަންނަ ކަމެއް ނޭނގެ އެވެ. މި މައްސަލަ ދިމާވި ފަހުން ވެސް އެ ހޮސްޕިޓަލުގެ ވެބްސައިޓް ހުރީ ލައިވްކޮށްފަ އެވެ.

މީޑިއާ ބީރައްޓެހި ހޮސްޕިޓަލުގެ ބަހެއް މިކަމާ ގުޅޭގޮތުން ލިބޭ ގޮތެއް ނުވި އެވެ.