ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ފުރުތަމަ ފިޔަވާހީގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވެސް ހުޅުވާލާފައިވެ އެވެ. މިގޮތުން ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް އެ ބޭންކުން ކަނޑައަޅާފައިވެ އެވެ. އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރު ވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައިވެ އެވެ.
ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި، ހުށަހަޅާނެ ގޮތުގެ ތަފްސީލު އަދި މިހާތަނަށް ނިމިފަވާ ޕްރޮޖެކްޓަކުގެ ތަފްސީލު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/community-fund އިން ލިބޭނެ އެވެ.