އެމްޑީޕީ ވެރިކަމުގައި އޮވެވޭނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ވަތްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެވުމުން މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު ވަނީ އެ އިންތިހާބުގެ ނަތީޖާ 50 ޕަސެންޓު ހުރަސް ނުކުރިކަން ފާހަގަކުރައްވާފަ އެވެ.

"ޝުކުރިއްޔާ! އެކަމަކު 50 ޕަސެންޓް ހުރަސް ނުކުރި, ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ," ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ރާއްޖެއަށް ރަގަޅުވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ބުނެ ވާހަކަ ދައްކަވާފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ފަރުދާގެ ފުރަގަހުގައި ހުންނަވާ ބަރުލަމާނީ ނިޒާމަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްތަކެއް ވެސް މީގެކުރިން ފެށި އެވެ. އަދި އެ ޕެޓިޝަންގައި ގިނަ އަދަދެއްގެ ބަޔަކު ސޮއި ވެސް ކޮށްފައިވެ އެވެ.