ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން ލިބިދާނެ ގެއްލުންތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު 241 ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޮމިޓީން އެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާމެދު މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާގެ ތެރެއިން ޣައްސާންވަނީ އިންޑިޔާ ސިފައިން ތިބުމުން ލިބޭ ގެއްލުން ދިރާސާ ކުރުމަށް ހުށައަޅުއްވާފަ އެވެ.

ޣައްސާން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުރާ އަސަރުތަކަކީ ކޮބައިކަން ބެލުމަކީ މި މައްސަލަ 241 ކޮމިޓީން ދިރާސާކުރާއިރު ބެލުން ކޮންމެހެން ލާޒިމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ 241 ކޮމިޓީން ބަލާނަމަ އެކަމުގެ އަސްލުވެސް ބަލަންޖެހޭނެ ކަމުގައި ޣައްސާން ފާހަގަކުރެއްވިއެވެ. ޣައްސާން ވިދާޅުވީ ބޭރުގެ ސިފައިން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށާއި އިސްތިގްލާލަށް ކުރާނެ އަސަރުވެސް މި ދިރާސާގެ ތެރޭގައި ހިމަނަންވާނެ ކަމަށެވެ.

މި މައްސަލަ ދިރާސާކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއާއި ބައިނަލްއަގްވާމީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކާ އިދިކޮޅަށް އިންތިޒާމްވެގެން ރާއްޖޭގައި ހަރަކާތް ހިންގައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ވަކި ގައުމަކަށް ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އިސްވެ ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ކޮމިޓީއަށް ހުށައެޅުއްވި އެ މައްސަލަ ކޮމިޓިން ބޭރުކޮށްލުމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ހުށައެޅުއްވި އެވެ. ނަމަވެސް ކޮމިޓީން އެގޮތަށް ފާހެއް ނުވިއެވެ.