އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެނީ ރާއްޖެއަށް އެހީތެރިވާން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ދިރާސާއަށް ސުވާލު ކުރުމަށް މިއަދު 241 ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ވެސް އަދި އެނޫން ގޮތަކުން ވެސް ގެއްލުމެއް ވެދާނެ ކަމެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.

ކޮމިޝަނަރު ހަމީދު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުމަކީ މައްސަލައެއް ނޫންކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގެ ޑިފެންސް އެޓާޗޭ އިން ވެސް އެެހެން ބައެއް ގައުމުތަކުގައިވެސް ތިބޭކަމަށް ހަމީދު ވިދާޅުވި އެވެ. ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކުން ނުރައްކަލެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ބުރޫއަރާ ކަމެއް ކުރާކަމުގެ މައުލޫމާތެއް ފެނިފައި ނޫނީ ލިބިފައި ނެތް ކަމަށާއި ދުނިޔޭގެ ސްޓްރެޓެޖިކް ސެކިއުރިޓީ ކަންތައްތަކުގައި އެއް ގައުމުން އަނެއް ގައުމުން އެހީވުމަށް، އެކި ގައުމުގެ ސިފައިން ހަރަކާތްތެރިވާކަންވެސް ފާހަގަކުރެއްވި އެވެ.

އިންޑިޔާ އައުޓް ކެމްޕެއިނަކީ ސިޔާސީ ޕާޓީތަކަކުން ބައިވެރިވެގެން ވަރަށް ރޭވުންތެރިކަމާއި އެކުގައި ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތް ކުރިޔަށް ގެންދަނީ މިލިއަނުން ހަރަދުކޮށްގެންކަން އެނގިފައިވާކަމަށްވެސް ހަމީދު ވިދާޅުވި އެވެ. އަދި މި ކެމްޕޭންގެ ފަހަތުގައި އޮތް އަސްލު މަގުސަދު ވެސް އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.