އާއްމު ދިރިއުޅުމުގައި ބާޒާރު ކުރުމަކީ އެކަމަކާ ނުލާ ނޫޅެވޭނެ ކަމެކެވެ. ކޮންމެ ވެސް ބޭނުމެއްގައި ފިހާރައަކަށް ވަންނަން ނުޖެހޭ ދުވަހެއް މަދުވާނެ އެވެ. އެހެން ކަމުން ބާޒާރު ކުރުމުގައި ހަނދާން ކުރަން ޖެހޭ ކަންކަމަށް ސަމާލު ވުމަކީ އެކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހޯދޭނެ ކަމެކެވެ.

ފުރަތަމަ ކަމަކަށް ބާޒާރަށް ދާ އިރު، އަތުގައި ހުރި ހުރިހާ ފައިސާއެއް ނުގެންދާށެވެ. އޭގެ ބަދަލުގައި، ބާޒާރުގައި އެފަހަރަކު ހޭދަ ކުރެވޭނެ އެންމެ ގިނަ އަދަދެއް ކަނޑައަޅައި، އެ އަދަދަށް ފައިސާ ގެންދާށެވެ. އޭރުން ބާޒާރު ކުރުމުގެ އިތުރަށް، ކުރަން ހުރި އެހެން މުހިންމު ކަންތައްތަކަށް ވެސް ފައިސާ ރައްކާ ކުރެވިފައި ހުންނާނެ އެވެ.

ހަމައެއާއެކު ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނު ގަންނަ ނަމަ، ބަލައިލަން ފަސޭހަ، ރީތި އެއްޗެހި ގަތުމަށް ވުރެ ބޮޑަށް، ގިނަ ދުވަހަށް ދެމިގެންދާ، ގިނަ ދުވަހު ބޭނުންކުރެވޭނެ ރަނގަޅު ކޮލިޓީގެ ތަކެތި ހޯދާށެވެ. ކުޑަކޮށް އަގު ބޮޑު ވިޔަސް، ގިނަ ގިނައިން ގަތުމަށް ވުރެ މާ ފަސޭހަ ވެފައި، ޖުމްލަކޮށް ހޭދަކުރަން ޖެހޭ ފައިސާގެ އަދަދު ކުޑަ ވާނެ އެވެ.

މީގެ އިތުރުން ލުއި ކާނާ ފަދަ ބޭކާރު، ކޫސަނި ކާބޯތަކެތި މާ ގިނަ ގިނައިން ނުހޯދާށެވެ. ޕޮޓޭޓޯ ޗިޕްސް ފަދަ ޖަންކް ފުޑް ގަނެފި ނަމަ، އެތަކެތި ގިނަ ފަހަރަށް ދެމި ހުންނާނީ އެންމެ ދުވަހަކަށެވެ. ގަންނަ ދުވަހު ހުސްވާނެ އެވެ. ނުވަތަ، ކަބަޑެއްގައި އެތަކެތި ރައްކާކޮށް، "ސްޓޮކު" ކޮށްފައި ހުންނަ ނަމަ، އެތަކެތި ވަރަށް އަވަހަށް ހުސް ކޮށްލާ ހިތް ވާނެ އެވެ. މިފަދަ ތަކެތި މާގިނައިން ގަތުމަކީ ފައިސާ ބޭކާރު ކުރުން ކަމަށް ބެލެވިދާނެ އެވެ.

އަގު ބޮޑު ފިހާރަތަކަށް ދިއުމުގެ ކުރިން ގެ ކައިރީގައި ހުންނަ ކަންމަތީ ފިހާރަތައް ބަލައިލާށެވެ. ބޮޑެތި ފިހާރަތަކުން އަގު ބޮޑެތިކޮށް ވިއްކާ ބައެއް ތަކެތި، ކުދި ފިހާރަތަކުން އަގު ހެޔޮކޮށް ވެސް ބައެއް ފަހަރު ވިއްކަ އެވެ.

މި ގޮތުގެ މަތިން ބާޒާރު ކުރުމުގެ އާދަތައް ގެންގުޅޭ ނަމަ އެކަމުގައި ކުރެވޭ އިސްރާފު ކުޑަވާނެ އެވެ.