އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވަން ނިންމާފައިވާ ކަމަށް އެ ގައުމުން މިއަދު އިއުލާންކޮށްފި އެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީޕޭން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، "އިންޑިއާ ކަނޑުގެ މުހިންމު އަވަށްޓެރިއަކާއެކު ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިއާއިން މާލޭގައި ހައިކޮމިޝަނެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި، ދާއިމީ ހައިކޮމިޝަންގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ އިންޑޯ- ޕެސިފިކްއަކީ ރައްކާތެރި ތަނަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖެއާއެކު ކުއާޑްގެ ހުރިހާ މެމްބަރު ގައުމެއްގައި އޮސްޓްރޭލިއާގެ ދާއިމީ މިޝަންތައް ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލްކުރުމަށާއި އެކި ބޭނުންތަކުގައި ދިރިއުޅޭ ގައުމަށް ދަތުރުކުރަން ވިސާ ހޯދަން ޖެހެނީ ސްރީލަންކާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށެވެ.

މިދިޔަ އަހަރު އެމެރިކާއިން ވެސް ވަނީ އެ ގައުމުގައި މިޝަނެއް ރާއްޖޭގައި ހުޅުވާނެކަން އިއުލާންކޮށްފަ އެވެ. ރާއްޖެއަކީ އިންޑޯ ޕެސިފިކް ސަރަހައްދުގެ މުހިންމު ގައުމަކަށްވާއިރު، އިންޑިއާ ކަނޑުގައި ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް އޮންނަ އިރު، މިއީ ބައިނަލްއަގުވާމީ ވިޔަފާރީގެ ކްރޮސްރޯޑް ސަރަހައްދެކެވެ.

އޮސްޓްރޭލިއާގެ އާ ހައިކޮމިޝަންގެ ސަބަބުން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެކި ގައުމުތައް ގުޅިގެން ހިންގާ ޖިނާއީ ކުށްތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި، ނޫ އިގްތިސާދު ފުޅާކުރުމާ ބެހޭގޮތުން ގުޅުން ބަދަހިކުރެވޭނެ ކަމަށް ޚާރިޖީ ވަޒީރު ޕޭން ވިދާޅުވި އެވެ.