މާލޭ ސިޓީގައި ދުއްވާ ވެހިކަލްތައް ރަޖިސްޓަރީ ކުރުމަށް ސިޓީ ކައުންސިލުން ހަމަޖައްސައިދޭން މަސައްކަތް ކުރާ ސްލޮޓުތަކާ ދެކޮޅުހަދަނީ ފޭކު ގަރާޖުގެ ވިޔަފާރި ހުއްޓުމަކަށް އަންނާނެތީ އެކަމުން ފައިދާވާ ބައެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަރާޖު ސްލޮޓުތަކާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކުގެ ޙަޤީޤަތް ހާމަކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މޭޔަރު ވިދާޅުވީ ޕާކިންގެ ދަތިކަމަކީ މާލޭގައި ވަރަށް ބޮޑު މައްސަލައަކަށް ވާއިރު ވެހިކަލްތައް ޕާކުކުރުމަށް ބޭނުންވާ ޖާގައިގެ އިތުރުން، ވެހިކަލްތައް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ޖާގައިގެ ކަންކަމަށް ވެސް ޙައްލު ހޯދަންޖެހޭ ކަމަށެވެ. ވެހިކަލް ރަޖިސްޓަރީ ކުރުމަށް އެ ވެހިކަލް ބާއްވާނެ ގަރާޖެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ދައްކަންޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ މާލޭގެ ބިންތައް މިހާރު ހުރި ގޮތުން ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންކަމުން ވެހިކަލް ގަރާޖުގެ މައްސަލަ މިހާރު ވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފައި ކަމަށާއި މީގެ ތެރޭގައި ވަރަށް ނޭދެވޭ ކަންކަން ހިނގަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ވެހިކަލް ރަޖިސްޓަރީ ކުރަން ގަރާޖު ޖާގައެއް ހޯދަން ވެއްޖެއްޔާ ކޮންމެވެސް މީހެއްގެ އަތުން އެމީހެއްގެ ގޭގައި އޮންނަ ޖާގައެއް ދައްކާފައި އަށްޑިހަހާސް ނުވަތަ އެއްލައްކަ ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ އެމީހާއަށް ދީފައި ގަރާޖު ސިޓީއެއް މިހޯދަނީ. ހޯދައިގެން ގެންގޮސް ގަރާޖު އޮތް ކަމަށް ހަދައިގެން ވެހިކަލް ރަޖިސްޓަރީ މިކުރަނީ. މިއީ ވަރަށް ނޭދެވޭގޮތެއްގައި ހިނގާ ކަމެއް. މިކަން މިހިނގަނީ ވަރަށް ބޮޑަށް ސަރުކާރު ތެރެއިން އެކި ފަރާތްތަކާ ގުޅިގެން. އެހެންވީމަ މިކަން އެބަޖެހޭ ހުއްޓުމަކަށް އަންނަން،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރު ވިދާޅުވީ މިއީ މިކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލުން ހުޅުވާލި ޕާކިން ސްލޮޓުތަކުގެ ތެރެއިން ސްލޮޓެއް ވެހިކަލް ރަޖިސްޓަރީ ކުރަން ބޭނުންވާނަމަ އެ ފުރުޞަތު ދިނުމަށް ވެސް ކައުންސިލުން ފާސްކޮށްފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މިއީ ކައުންސިލުން ސިއްރުން ނިންމި ނިންމުމެއް ނޫން ކަމަށާއި ކައުންސިލުގައި ނިންމޭ މިފަދަ ނިންމުންތަކަކީ ވަގުތުން ރައްޔިތުންނަށް ފެންނާނެހެން ބާއްވާ ބައްދަލުވުންތަކުގައި އެންމެނަށް އެނގޭނެހެން ފާސްކުރެވޭ ކަންތައްތަކެއް ކަމަށެވެ.

"ލައިވްކޮށް، ހުރިހާ ކައުންސިލަރުން ތިބެގެން އިއްތިފާޤުން ފާސްކުރި އުޞޫލެއްގައި މިއޮންނަނީ ވެހިކަލް ރަޖިސްޓަރީ ކުރުމަށް ގަރާޖް ސްޕޭސްއެއް ގޮތަށް އެ ސްލޮޓް ބޭނުންވާނަމަ، އެކަމަށް އެ ސްލޮޓް އެ ވެހިކަލަށް ރަޖިސްޓަރީ ކުރެވޭނެ ގޮތަށް އަޅުގަނޑުމެން މި އުޞޫލުގައި ބަޔާންކުރީ. އެއީ އެއްވެސް ޙާލެއްގައި އެމީހާއަށް އެބިންކޮޅު ލިބެނީކީއެއް ނޫން. ބިން ވިއްކުމެއް ނޫން. އެއްވެސް ޙާލެއްގައި ސިޓީ ކައުންސިލުން ބިމެއް ނުވިއްކާނެ. އެގޮތަކަށް މާލޭގެ މަގުމައްޗަކުން ބިމެއް ނުވިއްކޭނެ، ނުވެސް ވިއްކާނެ. އެއީ ވަކި އުޞޫލެއް އޮންނަ ކަމެއް. ގޯތި ވިއްކުމާއި ބިން ވިއްކުމަކީ ޤާނޫނުގައި ވަކި އިޖުރާޢަތްތަކެއް އޮންނަ ކަމެއް، ކޯޓަށް ވެސް ދާންޖެހޭ ކަމެއް. ކޯޓުން ނިންމައި ރަޖިސްޓަރީ ހަދައި، މިހުރިހާ ކަމެއް ހިނގާ ކަމެއް ބިން ވިއްކުމަކީ. މިކަމުގައި ބިންކާކަށް އެއްވެސް އިރަކު ކައުންސިލުން ނިންމާފައެއް ނުވޭ އަދި ވިސްނާފައެއް ވެސް ނުވޭ،" މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން މަގުމަތިންނާއި އެކި ޒޯންތަކުން ކުއްޔަށްދޭ ޖާގަތަކަކީ ފެންނަން އޮންނާނެ ޖާގައެއް ކަމަށާއި އޭގެ ނަތީޖާއަކީ ޕާކިން ޖާގައެއް ކަށަވަރުވުން ކަމަށެވެ. މީގެ އިތުރުން ވެހިކަލްތަކުގެ އުމުރު ސިޓީ ކައުންސިލުން ކަނޑައަޅާނެ ކަމަށާއި އަދި މިގޮތަށް ދޫކުރެވޭ ޕާކިންގ ސްލޮޓުތަކުގައި އެ ވެހިކަލެއްގެ އުމުރަށް އެތަނުގައި ބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ވެހިކަލް ވިއްކާލައިފިނަމަ ނުވަތަ އުމުރު ހަމަވެއްޖެނަމަ، ޖާގަ ގެއްލޭނެ ކަމަށާއި އަދި ކައުންސިލުގެ މަޝްރޫޢަކަށް އެ ޖާގަ އެހެން ދިމާލަކަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ އެކަންވެސް ކުރެވޭނެ ކަމަށެވެ. އަދި ކައުންސިލުން ނިންމާފައިވަނީ ޕާކިންގ އިމާރާތްތައް އެޅުމުން އެ އިމާރާތްތަކުގެ ތެރެއަށް ގަރާޖު ސްލޮޓުތައް ވެސް ބަދަލުވާ ގޮތަށް ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ދޫކުރަން ނިންމި ޕާކިން ސްލޮޓު ގަރާޖެއްގެ ގޮތުގައި ބޭނުންކުރަން ބޭނުންވާނަމަ ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިޔާ އެވެ.

މޭޔަރު ތަކުރާރުކޮށް ވިދާޅުވީ ބަޔަކު އޮޅުވާލަން މަސައްކަތް ކުރިޔަސް މިއީ ބިންވިއްކުން ނޫން ކަމަށާއި މިއީ ރަގަޅު މަގުސަދެއްގައި ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފު ލުއިކޮށްދިނުމަށް ކުރަން ނިންމި ކަމެއް ކަމަށެވެ.

"އެކަމަކު ވަރަށް ހިތާމަކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އެއްވެސް ބެލުމެއް ނެތި، އަޅުގަނޑުމެންނާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ރޭގަނޑުގެ ދަންވަގުތެއްގައި ބިން ވިއްކަނީއޭ ބުނެ ބަޔާން ނެރުނީތީ. އެކަހަލަ ދެކޮޅު ނުޖެހޭ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް، ކައުންސިލާ މެދު ރައްޔިތުން ހިތުގައި ނަފުރަތު އުފެއްދުމަށް ނޫނިއްޔާ ނުބައި ވިސްނުންތަކެއް އުފެއްދުމުގެ ނިޔަތުގައި ނޫނިއްޔާ އެކަހަލަ ވާހަކަތަކެއް ލިޔުއްވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މިކަމުގައި ސިޓީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި، ހަގީގަތާ ޚިލާފު ވާހަކަތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ދެއްކިއިރު އެ މިނިސްޓްރީއާ ގުޅިގެން ކައުންސިލުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހަދަމުންދާ ޑްރައިވިންގ ލައިސަންސް ޓްރެކަކީ މިނިސްޓްރީން އެކި ފަރާތްތަކާ ޙަވާލުކޮށްގެން ނުކުރެވި އޮތް ކަމެއް ކަމަށާއި ކައުންސިލުގައި އެކަމުގައި އެދުމުން އެހެން ހުރިހާ ކަމަކަށްވުރެ އެކަމަށް އިސްކަންދީ، ކައުންސިލުގެ މުވައްޒަފުން ގޮސް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށް ވެސް މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާ ވަރަށް ގުޅިގެން މަސައްކަތް ކުރާ ބައެއް ކަމަށާއި އެހެންކަމުން ޓްރާންސްޕޯޓް މިނިސްޓްރީން ކަންތައް ކުރި ގޮތުން ހިތާމަކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"މިކަމުގައި މިދެކޮޅު ހަދާ ގިނަ މީހުންނަކީ ކުރިން ދެންނެވިހެން 80،000، 100،000 ނުވަތަ އެއަށްވުރެ ބޮޑު އަދަދުގައި ފޭކު ގަރާޖު ސްޕޭސްތަކެއް އޮތް ކަމަށް ދައްކައިގެން ސިޓީ ވިއްކައިގެން އުޅޭ ބައެއް. އެ މާކެޓު ހުއްޓުމަކަށް އަންނާތީ މިއުޅެނީ. އަޅުގަނޑުމެން ރަސްމީކޮށް ރާވާފައި އޮތް ގޮތަށް މިމަހުގެ 16 ގައި މިކަން ފަށައިފިނަމަ، އަށްޑިހަހާހުގެ ސްލޮޓުތައް ހުއްޓޭނެ. އެހެންވީމަ މި މާކެޓު ހުއްޓޭތީ ބަޔަކު މަޖިލީސް ތެރޭގައި ވެސް އެބައުޅޭ. މިވަރު ކުޑަ ތަންކޮޅެއްގައި ފަންސާސް ކާރު، ސަތޭކަ ކާރު ރަޖިސްޓަރީ ކޮށްގެން އުޅޭ ބައެއް މެންބަރުން ވެސް. އެބޭފުޅުންނާއި ބައެއް ބޭފުޅުން ގުޅިގެން މިކަން ކުރައްވާކަން އަޅުގަނޑުމެންނަށް މަޢުލޫމަތު ލިބޭ،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރުމި މައްސަލާގައި ލޯކަލް ގަވާމަންޓް އޮތޯރިޓީން ވެސް ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެހެންކަމުން އެލްޖީއޭއާ ބައްދަލުކޮށް މިކަމުގެ ތެދު މަޢުލޫމާތު ވާނީ ހިއްސާކުރެވިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެލްޖީއޭގެ ސިޓީއާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނާއި އޭގެ އިތުރުން ބައެއް ރައްޔިތުންނަށް ލިބިފައިވާ ހިތްނުތަނަވަސްކަމުގެ ސަބަބުން ގަރާޖު ރަޖިސްޓަރީ ކުރުމުގެ ކަންތައް މިވަގުތަށް ކުރިއަށް ނުގެންދިއުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިކަން ރައްޔިތުންނަށާއި އިދާރާތަކަށް އޮޅުންފިލުވައިދިނުމަށްފަހު ވަރަށް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.