ވޮޝިންޓަން (12 ފެބްރުއަރީ) - ރަޝިއާއިން ޔޫކްރެއިންއަށް އަސްކަރީ ހަމަލާއެއް ދީފިނަމަ އެމެރިކާއާއި ހުޅަނގުން ރައްދު ދޭނެ ކަމަށާއި އެއީ މުޅި ދުނިޔޭގައި މިވަގުތު އޮތް ރަޝިއާގެ ބާރު ގެއްލިދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން މިހެން ވިދާޅުވެފައި މިވަނީ ރަޝިއާގެ ރައީސް ވްލަމިޑިރު ޕުޓިންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެއް ގަޑިއިރަށް ދެމިގެން ދިޔަ އެ ފޯނު ކޯލުގައި ދެ ރައީސުން ވަނީ ޔޫކްރެއިން މައްސަލައިގެ މަޝްވަރާތައް ކުރައްވާފަ އެވެ.

ރަޝިއާއާއި ޔޫކްރެއިންގެ މަޝްރަހު ފިނިކުރުމުގެ ގޮތުން ބައިޑަން ޕުޓިންއަށް ގުޅުއްވައި ވާހަކަފުޅު ދެއްކެވި ނަމަވެސް މަޝްރަހަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެ އެވެ.

ރަޝިއާއިން އެ ގައުމާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި އަސްކަރީ ހަރަކާތްތައް ފުޅާ ކުރަމުންދާތީ ޔޫކްރެއިންއަށް އެގައުމުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ރަޝިއާގެ ހަމަލާއެއް ޔޫކްރެއިންއަށް ކޮންމެ ވަގުތަކު ކުރިމަތި ވެދާނެ ކަމަށް އެމެރިކާއިން ބުނެފައިވާއިރު ރަޝިއާއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

ވައިޓް ހައުސްއިން އިތުރަށް ބުނީ އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް މައްސަލަ ހައްލު ކުރަން އެމެރިކާއިން ބޭނުންވާ ކަމަށާއި ނަމަވެސް ރަޝިއާއިން އެކަމަށް ފުރުސަތު ނުދޭ ކަމަށެވެ.

ރަޝިއާގެ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކްރެއިންގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ވީހާވެސް އަވަަހަކަށް ގައުމު ދޫކޮށް ދިއުމަށް އަންގާފަ އެވެ. -- ޗެނަލް ނިއުސް އޭޝިއާ