އޭޕްރިލް 15 ވަނަ ދުވަހު ބައެއް މީހުން ފުރަންވެގެން މަތިންދާބޯޓަށް އަރައި ތިއްބައި ބޭލި އެވެ. ކަނޑުމަގުން ރޯދައަށް ރަށަށް ފުރަން ތިބި އެތައް ބަޔަކު ފުރުން މަނާކުރި އެވެ. އެއީ މާލޭގައި ހުންނަ ފްލޫ ކްލިނިކަކަށް ދެއްކި ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ.

އެ ދުވަހުގެ މެންދުރު ފަހު 3:30ން ފެށިގެން މެއި 28ގެ ނިޔަލަށް މާލޭގައި މީހުން ތިބީ ގެއިން ވެސް ނުނިކުމެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި އިތުރު ލުއިތަކެއްދީ މާލެ ތެރެއަށް މީހުންނަށް ނުކުމެވޭ ގޮތް ހެދި އެވެ. އަދި ރިސޯޓުތަކުގައި ބައެއް މީހުން 21 ދުވަހަށް އަނެއް ބަޔަކު 14 ދުވަހަށް ކަރަންޓީނު ކުރުމަށްފަހު ރަށްރަށަށް ދެވޭ ގޮތަށް ހަމަޖެއްސި އެވެ. އަދި އޭގެ ފަހުން ޖުލައި މަހުގެ ތެރޭގައި ރަށްރަށުގެ ގޭގޭގައި 14 ދުވަހު ކަރަންޓީނުގައި ހުރެވޭ ގޮތަށް ފޮނުވަން ފެށި އެވެ. އަދިވެސް އަމަލުކުރަނީ އެ އުސޫލަށެވެ.

މާލޭގައި ދިރިއުޅޭ އާބާދީގެ ބޮޑު ބަޔަކީ އަތޮޅު ތެރޭގެ އެކި ރަށްރަށުގެ މީހުންނެވެ. އެކި ބޭނުންތަކުގައި އެކި ރަށްރަށްރަށް ދަތުރުކުރަން ބޭނުންވާ އެތައް ހާސް ބަޔަކު އެބަތިއްބެވެ. މާލޭގައި ގިނަ ބަޔަކު ދިރިއުޅެނީ ކޮތަރު ކޮށިހެން ހުންނަ ކުޑަކުޑަ ތަންތަނުގަ އެވެ. އެހެންވެ މާލެއިން ބޭރަށް ދާން ގިނަ ބަޔަކު ބޭނުންވެ އެވެ.

ފައިސާ ހުރި ތަނަވަސް މީހުންނަށް ވެސް ބޭރުގެ ވަރަށް މަދު ގައުމަކަށް ނޫނީ ދަތުރެއް ނުކުރެ އެވެ. އަވަށްޓެރި އެއްވެސް ގައުމަކަށް މިހާރު ނުދެވެ އެވެ. އެހެންވެ ބައެއް މީހުން އަމިއްލަ ރަށަށް ދާން ވެސް ބޭނުންވެ އެވެ. އެކަމަކު 14 ދުވަހު ހޯމް ކަރަންޓީނުގައި ހުންނަން ޖެހުނީ ޗުއްޓީން ބޭކާރުވެގެންދާ ދުވަސްތަކަކަށްވާތީ ގިނަ ބަޔަކު ދާކަށް ބޭނުމެއް ނުވެ އެވެ. ހޯމް ކަރަންޓީނަށް މިހާރު ރަށްރަށަށް ދަނީ ކޮންމެހެން ދާން ބޭނުންވާ މީހުންނަށް އެޗްޕީއޭއިން ހާއްސަ ހުއްދައެއް ދީގެންނެވެ. މި އުސޫލަށް ވެސް ރެއިން ފެށިގެން ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެކަމަކު އެއީ ވަކި ބޭނުމެއް ނެތި ވެސް ދެވޭ ގޮތަށް ދިން ލުޔެކެވެ. އެކަމަކު 14 ދުވަހު ކަރަންޓީނުވާން ޖެހެ އެވެ.

އެޗްޕީއޭ އިން ހަމަޖައްސާފައިވާ މި އުސޫލަށް ތަބާވެގެން އެއްވެސް ރަށަކަށް ދަތުރުނުކުރެވެނީ ހަމައެކަނި އާއްމުންނަށެވެ. ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ އެކި ވެރިން އަދި ފުލުހުންނާއި ސިފައިން ކަރަންޓީނު ކުރުމެއް ނެތި ރަށްރަށަށް ދަތުރުކުރެވެ އެވެ. ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ވާނުވާ ބެލުމުގެ ނަމުގަ އެވެ. މުޅި ރަށު ތެރޭގައި މާސް ނާޅައި ދަތުރުކޮށް، ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކަށް ވަދެ ކައިބޮއެ ހަދައިގެން އެނބުރި މާލެ އަންނަނީ އެވެ. މިއީ އެއްވެސް މައްސަލައަކަށް ނުވެ އެވެ. މިހެން ދަތުރުކުރި ފުލުހުންތަކެއް އެރި ހދ. ކުޅުދުއްފުށިން ދިހަ ވަރަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އެ އަތޮޅާއި ހއ. އަތޮޅުގެ ރަށްރަށުން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެޗްޕީއޭ ހައި އެލާޓަށް އަ އެވެ. އެކަމުން ވެސް ކުށްވެރިވި ބައެއް ނެތެވެ.

އެޗްޕީއޭއިން ހޯމް ކަރަންޓީނު އުސޫލަކީ ވަކި ބަޔަކަށް އޮންނަ ގޮތެއްހެން ވެސް ހީވެ އެވެ. މިދިޔަ މަހުގެ 15ން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންނަށް މީހުން ދިރިއުޅޭ ރަށްރަށަށާއި ރިސޯޓުތަކަށް އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވެ އެވެ. އެ މީހުން ރާއްޖެ އަންނަން މިހާރު ބޭނުންވަނީ 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓެކެވެ. މި އުސޫލުން މާލެއިން ޕީސީއާރު ނެގެޓިވް ޓެސްޓް ހިފައިގެން ރަށްރަށަށް ދަތުރު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ދިވެހިންނަށް ވީމަ، ބަލި ފެތުރެން ފަސޭހަވަނީތޯ އެވެ.

"މާލެއިން ޕީސީއާރު ނެގެޓިވް ޓެސްޓް ހަދައިގެން 24 ގަޑިއިރުގެ ތެރޭގައި ފުރޭނެ ގޮތެއް ހެދިޔަސް ދިމާވާނެ މާބޮޑު މައްސަލައެއް އޮންނާނެހެނެއް ހިއެއް ނުވޭ. އަދި ރަށަށް ގޮސް ވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ލިބެންދެން ވެސް ގޭގައި މަޑުކުރެވޭނެ އުސޫލެއް ހެދިދާނެ. އެކަމަކު މިއިން އެއްވެސް އުސޫލަކަށް ނުފެތެނީ ހަމައެކަނި ދިވެހިން،" އެޗްޕީއޭގެ އުސޫލާ މެދު ހިތްހަމަ ނުޖެހިފައި ހުރި މީހަކު ޓުވިޓާގައި ބުނެފައިވެ އެވެ.

ހެލްތު އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ދާދިފަހުން ވިދާޅުވީ ހޯމް ކަރަންޓީން ނުވާ ގޮތަށް ރަށްރަށް ދަތުރުކުރެވޭނީ މާލޭގައި ބަލި ފެތުރުން ހުއްޓިގެން ކަމަށެވެ. ނަމަވެސް އެއީ ކޮންއިރަކު ވާނެ ކަމެއް ކަން އަދި ނޭނގެ އެވެ.

އެކި ބޭނުންތަކަށް މާލެ އަންނަން ޖެހޭ އެތައް ބަޔަކު ވެސް އެނބުރި ރަށަށް ގޮސް 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހުމުން މާލެ ނައިސް އެބަތިއްބެވެ. ޑޮކްޓަރަށް ދެއްކުމަށާއި ވިޔަފާރި ބޭނުންތަކަށް ބައެއް މީހުން އައްޑު އަށާއި ފުވައްމުލަކަށް ނުވަތަ ހދ. ކުޅުދުއްފުއްޓަށް ވެސް ބޮޑު ޚަރަދުކޮށްގެން ދަތުރުކުރެ އެވެ.

ކުރިޔަށް އޮތީ ސްކޫލް ބަންދު ދުވަސްވަރެވެ. އާ އަހަރު ފެށޭ ދުވަސް ވަރެވެ. ހަމަ މިގޮތަށް އެއްވެސް ރަށަަކަށް ނުދެވި މާލޭގައި ބަންދުވެގެން ތިބެންވީ ހެއްޔެވެ؟ މިފަދަ ދެކޮޅު ނުޖެހޭ އުސޫލުތަކަށް ބަދަލު ގެންނާނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ބަޔަކު މާލޭގައި ބަންދުވެގެން އެބަތިއްބެވެ.